ބާސެލޯނާއިން ރޭ ވެލެންސިއާއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، އަންނަ ހާފްތާ ތެރޭގައި ކޮޕާ ޑެލްރޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެޓީމުން ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެއެވެ.

ސީޒަނުގެ ދެވަނަ އެލް ކްލެސިކޯއަށް އަންނަ ހަފްތާ ތެރޭގައި ބާސާއިން ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކަށް ވާނީ ރަނގަޅު ފޯމެއްގައި ހުރި މެސީއެވެ.

ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފްގައި މެސީއަށް އަނިޔާވެ، ކުޑަ އިރުކޮޅަކު ދަނޑު ބޭރުގައި ފަރުވާ ދީފައިވެއެވެ. ބެލެވޭ ގޮތުގައި އަނިޔާވެފައި ވަނީ މެސީގެ ފައިގެ ފަލަމަސް ގަނޑަށެވެ. އަނިޔާއަށް ފަރުވާ ދިނުމަށްފަހު މެސީ އެނބުރި ދަނޑަށް އަރާ މެޗު ނިންމާފައިވީ ނަމަވެސް، ރޭގެ މެޗަށްފަހު ބާސާގެ ކޯޗު ވަލްވާޑޭ ބުނީ އަންނަ ހަފްތާގެ މެޗުގައި މެސީއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"މެސީގެ އެބައުޅޭ އަނިޔާގެ މައްސަލައެއް. ރަނގަޅު ވެއްޖެއްޔާ މެޑްރިޑް މެޗުގައި ކުޅޭނެ. މެސީއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ނޭނގޭ،" ވަލްވާޑޭ ބުންޏެވެ.

މެސީގެ އަނިޔާއާއެކު ބާސާއަށް މާޔޫސްކަން ކުރިމަތިވާ އިރު، މީގެ ކުރިން މެސީ ބުނެފައި ވަނީ ބާސާއިން ނުކުންނާނީ ތިން ތަށިވެސް ހޯދަން ކަމަށެވެ. އަދި އެ ޓާގެޓަށް ވާސިލުވުމަށް ކޮޕާ ޑެލްރޭ މެޗުތައް ފަސޭހަ ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.