މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އަލީ ޚުސްރުވާން (ކުޑައައްޔަ) އަދި ދެ ވަނަ މަގާމް ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓެ) ހޯދުމާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ދެ އެތުލީޓުންނަށްވެސް މަރުހަބާ ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބޮޑީ ބޯޑިން ޓީމުން، ރަން ވަނަތަކެއް ގެނެސްދީފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި ކުއިކްސިލްވާ ޗެރަޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ކުޑަ އައްޔަ ވަނީ ހޯދާފައެވެ. އަދި ހަމަ އެ މުބާރާތުގެ ދެވަނަ މަގާމް މުހައްމަދު އަސްވާން (ދޫނި) ހޯދިއިރު ތިން ވަނަ އަކީ ޖާއްޓެއެވެ.

ކުޑަ އައްޔައާއި ޖާއްޓެގެ ކާމިޔާބީއަށް މަރުހަބާ ދަންނަވާ ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރާޅާ އެޅުންތެރިން ހޯދާ ފުރިހަމަ ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތަކީ އަނިޔާއަށްފަހު ކުޑަ އައްޔަ ވާދަކުރި ފުރަތަމަ މުބާރާތެކެވެ. އަބަދުވެސް ރާއްޖޭގެ ބޮޑީ ބޯޑިން ޗެމްޕިއަންގެ ގޮތުގައި ފާހަގަކޮށްލެވޭ ކުޑަ އައްޔަ ވަނީ މީގެ ކުރިންވެސް އެތައް މުބާރާތެއްގައި ރާއްޖެ ތަމްސީލު ކޮށްދީފައެވެ.

ބްރިޖު އެޅުމަށް ރާޅު ގަނޑު ބަންދު ކުރުމުން ސާފަރުންނަށް ދަތިތަކެއް ކުރިމަތިވެފައިިވާ އިރު، އެކަން ހައްލު ކުރުމަށް މިހާރު ރާޅުގަނޑު އަނެއްކާވެސް ވަނީ ހުޅުވާލާފައެވެ. ރާއްޖެއަކީ ސާފިންނާއި މޫދު ކުޅިވަރުން ކުރިއަށް ދެވޭނެ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަބީލާ

    ދުވަސްކޮޅަކުން "ޒަމާނީ ވަބާ" ގަ މި ދެމީހުން ނުޖެހުނިއްޔާ ކިތަންމެހާވެސް ރަނގަޅު.