ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު، ގައުމީ ޓީމުގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު)ވެފައި އޮތް އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އުވާލައިފިއެވެ.

މިދިޔަ ފަސްވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނިއުއަށް މުހިއްމު ކުޅުމެއް ދެއްކި ހަމްޕުގެ ކޮންޓްރެކް އުވާލިކަން އޭނާއަށް މިއަދު އަންގާފައިވާ އިރު، އޭނާގެ ކޮންޓްރެކް އުވާލައިދިން ސަބަބެއް ކަމަށް ބެލެވެނީ ކޮންޓްރެކްޓްގައިވާ ގޮތަށް މުސާރަ ނުދެވުމެވެ.

ނިއުއިން މިދިޔަ ސީޒަންގައި އެޓީމަށް ކުޅުނު 10 ކުޅުންތެރިއަކަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާގެ މުސާރައިގެ މައްސަލައިގައި އެފްއޭއެމްއިން ނިއު ސަސަޕެންޑް ކޮށްފައި އޮތް އިރު، އެޓީމަށް އަންނަ ސީޒަނުގައި ވާދަކުރެވޭނީވެސް އެ ފައިސާ ދައްކާ ހަލާސްކޮށްގެނެވެ.

ލޯކަލް ކުޅުންތެރިންގެ އިތުރުން ބިދޭސީ ބައެއް ކުޅުންތެރިންނަށްވެސް އެޓީމުން މުސާރަ ނުދޭ ކަމަށް އެ ކުޅުންތެރިން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ބައެއް ކުޅުންތެރިން ވަނީ ފީފާއަށްވެސް ނިއުގެ މުސާރައިގެ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ފީފާއިން ނިއުއަށް އަދި ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ.

މިދިޔަ ސީޒަންގައި ނިއުއަށް ކުޅުނު ރާއްޖޭގެ އެންމެ ލެޖެންޑްރީ ކުޅުންތެރިން ކަމަށް އަލީ އަޝްފާގު (ދަގަނޑޭ)އާއި ގޯލްކީޕަރު އިމްރާން މުހައްމަދުވެސް ވަނީ މުސާރައިގެ މައްސަލައިގައި ނިއު ދޫކޮށްލާފައެވެ. އެގޮތުން ސީޒަންގެ މެދުތެރެއިން ދަގަނޑޭގެ ކޮންޓްރެކްޓް އެފްއޭއެމްއިން އުވާލި އިރު، އިންމަ ސީޒަންގެ ފަހުބައި ކުޅެފައެއް ނުވެއެވެ.

މީގެ ފަސްވަރަކަށް އަހަރު ކުރިން 2014 ވަނަ އަހަރު ނިއުގެ ޔޫތު ޓީމުން ވިދާލި ހަމްޕުއަކީ މިޙާރު ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ އަކީ ކްލަބުގެ އިތުރުން ގައުމީ ޓީމުގައިވެސް މުހިއްމު ކުޅުމެއް ދައްކަމުން އަންނަ ސަރަހައްދީ ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ހަމްޕުއަކީ ރާއްޖޭ ފުޓުބޯޅައިގެ އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވާ ކުޅުންތެރިޔަކަށްވާ އިރު، އޭނާ ގެންދިޔުމަށް ޓީސީއާއި މާޒިޔާއިންވެސް މަސައްކަތް ކުރަމުންދެއެވެ.