އިސްލާމް ދީނޭ ކިޔައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހްއާ ދިމާކުރި ވެސްޓްހަމް ސަޕޯޓަރެއްގެ މައްސަލަ އެ ކްލަބުން ބަލަން ފަށައިފިއެވެ.

މި ހަފްތާ ތެރޭގައި ލިވަޕޫލުން ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހް ކޯނަރެއް ނަގަން ދިޔުމުން ސަޕޯޓަރުން އޭނާއާ ދިމާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އެއް ސަޕޯޓަރަކު، ސަލާހަކީ އިސްލާމް ދީނުގެ މީހެކޭ ކިޔާ އެނާއާ ދިމާލަށް އައުގުރުއާނަ ގޮވާ އަޑު އިވެއެވެ.

އެކަމާ ގުޅިގެން ވެސްޓްހަމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަޕޯޓަރުންގެ ފަރާތުން ފެނުނު މަންޒަރަކީ ކްލަބުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަށް ފިޔަވަޅު އަޅަން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.

ވެސްޓްހަމްއިން ބުނެފައި ވަނީ މައްސަލަ ބެލުމަށް ފުލުހުންނަށްވެސް ހަވާލުކޮށްފައިވާ ކަމަށާއި، އެކަން ކުރި މީހަކު ސާބިތުވާ ހިސާބުން އެމީހަކަށް އުމުރު ދުވަހު ސްޓޭޑިއަމްއަށް ނުވަދޭނެ ގޮތަށް ސަސްޕެންޑް ކުރާނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ފުޓުބޯޅައިގެ ތެރެއިން މީގެ ކުރިންވެސް ތަފާތު ކުރުމާ، ނަސްލީ ދިމާކުރުންތައް ފެނިފައިވާ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ. ހާއްސަކޮށް ދީނާ ގުޅޭގޮތުން ދިމާ ކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސަލާހަކީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާއެވެ. އިނގިރޭސި ފުޓުބޯޅައިގައި އާންމުކޮށް ދިމާކުރުންތައް މަދު ނަމަވެސް ފަހަކަށް އައިސް ބައެއް ކުޅުންތެރިންނާ ދިމާކުރި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އިނގިރޭސި ލީގުގައި މުސްލިމް ކުޅުންތެރިންގެ ނިސްބަތް އަންނަނީ މިހާރުވެސް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. salah

    Salah ekani eh nuney muslimakee salah molhuve meehun jealiose vanee

  2. ދދދދދދދ

    އެކަން ކުރި މީހަކު އެނގުނަސް "ނޭނގޭނެ". ތިހެން ކިޔާފަ ބަޔާން ނެރުނީމަ ނިމުނީ. .