އަފްޣާނިސްތާންގެ ގައުމީ ޓީމުގެ ކެޕްޓަން، ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އުމުރުން 28 އަހަރުގެ ޑިފެންޑަރަކީ ފަހަކަށް އައިސް ރާއްޖޭގެ ލީގުގައި ކުޅުނު އޭޝިއާގެ އެންމެ ވަރުގަދަ ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް މުހިއްމު ރޯލެއް ކުޅެމުންދިޔަ އަމީރީ ވަނީ އެ ކްލަބާއެކު އޭއެފްސީ ކަޕްގައިވެސް މުހިއްމު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އެ ކްލަބުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަމީރީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

އަފްގާނިސްތާނުގެ ޑިފެންޑަރު އަމީރީ ސީޒަންގެ މެދުން ތެރެއިން ނިއު ދޫކޮށް ދިޔައީ ކްލަބުން ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށްބުނެއެވެ. ހާއްސަކޮށް އޭނާއަށް ދޭން ޖެހޭ މުސާރަ ނުދީ އޮތް ކަމަށް ބުނެފައެވެ. ނިއުއިން އޭރު އެކަން ދޮގު ކުރި ނަމަވެސް އަމީރީ ބުނެފައި ވަނީ އޭނާ ނިއުއާ ގުޅޭގޮތުން ދެއްކީ ތެދު ވާހަކަ ކަމަށާއި، ދިވެހި ފުޓުބޯޅައާއި ނިއުވެސް ބަދުނާމު ކުރަން ބޭނުން ނުވާ ކަމަށެވެ.

އަމީރީ -- ފޮޓޯ/ ސަން

ކްލަބުން ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް އަމީރީ ފީފާއަށް މައްސަލަ ހުށަހަޅާފައިވާ އިރު، މިއަދު ފީފާއިން ވަނީ ނިއުއަށް އޭނާއަށް ދޭން ޖެހޭ ބޮޑު ފައިސާގެ އަދަދެއް ދައްކަން އަންގާފައެވެ. ފީފާގެ ޑިސްޕައިޓް ރިސޮލިއުޝަން ޗެމްބާއަށް އަމީރީ ހުށަހެޅި މުސާރައިގެ މައްސަލައިގައި ނިންމި ނިންމުގައި އަމީރީއަށް 45،636 ޑޮލަރު ދޭން އަންގާފައި ވަނީ 45 ދުވަހުގެ ތެރޭގައެވެ.

ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ.

އަމީރީ ބުނެފައި ވަނީ ފީފާގެ ނިންމުމާއެކު ރާއްޖެ ދޫކޮށް ދަމުން އޭނާ ދެއްކީ ތެދު ވާހަކަތަކެއްކަން އެނގިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، އަމީރީ ބުނެފައި ވަނީ އޭނާ ރާއްޖޭގެ ފުޓުބޯޅައިގައި ހޭދަކުރީ ހިތްހަމަ ޖެހޭ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދިވެސް ރާއްޖޭ ލީގަށް ތައްޔާރަށް ހުރި ކަމަށެވެ.

"ދިވެހި ސަޕޯޓަރުން އަހަރެން ބަލައިގަތް. އަހަންނަށް ރާއްޖޭގެ ފުޓުބޯޅައިން ކުރެވުނީ ތަފާތު ތަޖުރިބާއެއް. އެ ތަޖުރިބާ އެންމެ ފުރިހަމަ ގޮތެއްގައި ނުލިބުނު. އަހަރެން ހީކުރި ވަރަށްވުރެ އަވަހަށް އަހަރެން ރާއްޖޭގެ ފުޓުބޯޅައިން ދާން ޖެހުނީ. އެބަ ހުރި އަދި ދިވެހި ފުޓުބޯޅައަށް ދޭން ބޭނުންވާ ކަންތައްތަކެއް. އަހަރެން އަބަދުވެސް ހިތަށް އަރާ އަހަރެން އެނބުރި އައީ ދިވެހި ފުޓުބޯޅައަށް ދިޔަ މަސައްކަތް ނުނިންމައޭ،" އަމީރީ "ވަގުތު" އަށް ބުންޏެވެ.

އަމީރީ ބުނީ ރަނގަޅު އޯފާއެއްގައި ރާއްޖޭ ލީގަށް ކުޅެން އައުމަކީ އޭނާ އަދިވެސް ބޭނުންވާ ކަމެއް ކަމަށާއި، އެހެން ނަމަވެސް ފައިސާގެ މައްސަލަތައް ނުޖެހުމަކީ އެންމެ ބޭނުންވާނެ ކަންތައް ކަމަށެވެ.

މިވަގުތު އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ އިތުރުން އަފްގާން ގައުމީ ޓީމާއެކުވެސް ކުޅެމުންދާ އަމީރީއަކީ 2011 ވަނަ އަހަރު އިންޑިއާގެ މުމްބާއީ އެފްސީގެ މުހިއްމު ކުޅުންތެރިއެކެވެ. 2012-13 ވަނަ އަހަރު ސީޒަންގެ އިންޑިއާ އައި ލީގުގެ ފޭންސް އެވޯޑުވެސް ހޯދައި އަމީރީ ވިދާލި އިރު، އޭނާ ވަނީ އިންޑިއާގެ ފަސް ކްލަބަކަށް ކުޅެފައެވެ. އޭގެ އިތުރުން އަމީރީއަކީ ގައުމީ ޓީމާއެކުވެސް ގިނަ ތަޖުރިބާތަކެއް ކޮށް، އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ސާފް ޗެމްޕިއަންޝިޕްވެސް އުފުލާލި ކުޅުންތެރިއެކެވެ.