މޫދު އަޑިއަށް ވެއްޓުނު ޕްރައިވެޓް ފްލައިޓުން ނެގި ހަށިގަނޑަކީ ނާންޓެސްއިން ކާޑިފްއަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް އެމިލިއާނޯ ސަލާގެ ހަށިގަނޑުކަން ޑޯސެޓްގެ ފުލުހުން ޔަގީން ކޮށްދީފިއެވެ.

ކާޑިފްއަށް ރެކޯޑު އަގެއްގައި ސޮއިކުރި ފޯވަޑް އަދި ފްލައިޓް ކެޕްޓަން އިބަޓްސަން ފްރާންސުން އިނގިރޭސިވިލާތަށް ދަތުރުކުރަމުންދިޔަ ޕްރައިވެޓް ފްލައިޓް އިންގްލިޝް ޗެނަލްގެ ތެރެއިން ރާޑަރުުން ގެއްލުނީ ޖެނުއަރީ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން އިނގިރޭސި އިދާރާތަކުން ފްލައިޓް ހޯދުމުގެ މަސައްކަތް ކޮށްފައިވާ އިރު، ހަފްތާއެއް ފަހުން ރަސްމީ އިދާރާތަކުން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ.

އިދާރާތަކުން ރަސްމީކޮށް އެ މަސައްކަތް ހުއްޓާލި ނަމަވެސް، އެމިލިއާނޯގެ އާއިލާގެ އިތުރުން ނަންޓޭސްއާއި ކާޑިފްގެ ސަޕޯޓަރުންނާއި، މެސީއާއި މަރަޑޯނާ އަދި ބުފަން ފަދި ތަރިންވެސް ވަނީ އަލުން އެ ފްލައިޓް ހޯދަން ފެށުމަށް ގޮވާލާފައެވެ. އެމިލިއާނޯ ފްލައިޓް ހޯދުމަށް ހަރުދު ކުރުމަށް އޭނާގެ އޭޖެންސީން ހާއްސަ ފަންޑެއް ހުޅުވާލާފައިވާ އިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ފަންޑަށް އެހީތެރިވެ އާއިލާއަށް ފައިސާ ހަމަކޮށްދީފައެވެ.

އަމިއްލަ ކުންފުންޏެއްގެ ސޯނާ ހޯދުންތަކާއެކު މޫދު އަޑިން އޭނާ ދަތުރުކުރި ފްލައިޓް ފެނިފައިވާ އިރު، ފްލައިޓް ތެރޭގައިވާ ހަށިގަނޑެއް އޮތްކަން އިއްޔެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. އެކަމަށް ބޭނުންވާ ހާއްސަ އާލާތްތަކުގެ އެހީގައި މިއަދު އެ ހަށިގަނޑު މޫދުން ނަގާފައިވާ އިރު، ގެންދެވިފައި ވަނީ ޑޯސެޓްގެ އެޗްއެމް ކޮރޯނާއަށެވެ.

ހަށިގަނޑު ބެލުމަށްފަހު އެއީ ސަލާގެ ހަށިގަނޑުކަން ޔަގީންކޮށް، މިހާރު ވަނީ އޭނާ އާއިލާއަށްވެސް އެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ސަލާގެ މަރާއެކު މުޅި ފުޓުބޯޅަ އާއިލާ ރޮއްވާލާފައިވާ އިރު، އެތަކެއް ކުޅުންތެރިންނެއް ދަނީ ހިތާމަފާޅު ކުރަމުންނެވެ.