ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ދެ ގޯލާއެކު ފުލްހަމް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.

ފުލްހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މިރޭގެ މެޗަކީ އެޓީމުގެ އާ ކޯޗު، އޮލިގުނަ ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު 11 ވަނަ މިޗެވެ. ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން ޔުނައިޓެޑް މޮޅުވެފައިވާ އިރު، އެޓީމު ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ.

ކުޅުނު 26 މެޗުން ޔުނައިޓެޑަށް 51 ޕޮއިންޓް ލިބިފައިވާ އިރު، 25 މެޗުން ޗެލްސީއަށް ލިބެނީ 50 ޕޮއިންޓެވެ. ޗެލްސީން މާދަމާ ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ހަވަނައިގައި އާސެނަލް އޮތް އިރު، މިރޭގެ މެޗުން ބަލިވި ފުލްހަމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ.

ސީޒަންގެ ކުރީކޮޅުގައި މޮރީނިއޯގެ ދަށުން ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ޕޮގްބާ ބާކީ ކޮށް ފެނުނު ނަމަވެސް، ސޮލްސްޖާއާއެކު ޕޮގްބާ ދަނީ ތަފާތު ދައްކަމުންނެވެ، މެޗުގެ 14 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ގޯލާއެކު ލީޑު ނެގިއެވެ. މާޝިއަލް ތަނަވަސްކޮށްދިން ބޯޅައާއެކު ޕޮގްބާ ލީޑު ނެގި އިރު، މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީވެސް ޔުނައިޓެޑުންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޝިއަލްގެ ގޯލާއެކު ޔުނައިޓެޑުން ނަތީޖާ ފުޅާވެސް ކުރިއެވެ. ދެވަނަ ހާފް ފެށިގެންވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، 65 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއާއެކު ޔުނައިޓެޑުން ތިން ޕޮއިންޓް ޔަގީން ކުރިއެވެ. މާޓާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ޕޮގްބާ ކާމިޔާބުކުރީ ފަސޭހަ ކަމާއެކުގައެވެ.