ގެރެތު ބޭލްގެ 100 ވަނަ ގޯލް ފެނިގެންދިޔަ މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި މިރޭ ކުޅުނު ފޯރިގަދަ މެޑްރިޑް ޑާބީ ރެއާލްއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ރަތް ކާޑެއްވެސް ފެނިގެންދިޔަ އިރު، މެޗު ފާހަގަކޮށްލެވުނީ ފިޒިކަލީ ވަރުގަދަކޮށެވެ. ޓެކުލްތަކާއެކު ކުދި ކުދި ފައުލްތައް އިންތިހާއަށް ފެނުނު އިރު، މެޗުގައި ރަތް ކާޑު ފެނުނީ 80 ވަނަ މިނެޓުގައެވެ.

ރަތް ކާޑު ދައްކާފައި ވަނީ އެތުލެޓިކޯގެ ޕާޓޭއަށެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ ކަސެމޭރޯގެ ފުރިހަމަ ވޮލީއަކުންނެވެ. އެހެން ނަމަވެސް އެ ގޯލަށް މާ ގިނައިރެއް ނުވެ، އެންޓޮއިން ގްރީޒްމަން ވަނީ ގޯލެއް ޖަހާ ޑާބީގެ ފޯރި ގަދަކޮށްލާފައެވެ. ކީޕަރާ ވަން އޮން ވަން ކުރިމަތިލާ ގްރީޒްމަން ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.

ހާފް ނިމެން ދަނިކޮށް ރެއާލްއިން އަނެއްކާ ލީޑު ނެގިއެވެ. މިފަހަރު ކެޕްޓަން ސާޖިއޯ ރާމޯސްގެ ޕެނެލްޓީއަކުންނެވެ. ޕެނެލްޓީ ލިބިފައި ވަނީ މިދިޔަ ދެތިން މެޗެއްގައި، ވަކިން ހާއްސަކޮށް އެލްކްލެސިކޯ މެޗުގައި ރެއާލްގެ ޓީމުން ވިދާލި ވިންސިއަސް ޖޫނިއާއަށް އެތުލެޓިކޯގެ ޑިފެންޑަރު ހިމެނޭޒް ކުރި ފައުލަކުންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރެއާލް ތަފާތެވެ. އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފައި އޮތް ރެއާލްއަށް މިރޭގެ މެޗު މުހިއްމުވީ ތާވަލުގެ ދެވަނައަށް އެރުމަށެވެ. 23 މެޗުން 45 ޕޮއިންޓާއެކު ރެއާލް ދެވަނައިގައި އޮތް އެތުލެޓިކޯ އޮތީ ތިންވަނައިގައި 44 ޕޮއިންޓާއެކުގައެވެ. ވާދަވެރި ބާސެލޯނާ އެއްވަނައިގައި އޮތީ ރެއާލްއަށްވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

މެޗުގެ ފަހު ހާފްގައި ވިންސިއަސްގެ ބަދަލުގައި ކުޅެން ނުކުތް ބޭލް ރަނގަޅު ފޯމެއްގައި ކުޅުނު އިރު، އޭނާ ރެއާލް ޖާޒީގައި ޖެހި 100 ވަނަ ގޯލް ޖެހީ 74 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްއަށް މޮޅަށް ކުޅުމަށްފަހު ބޭލް ރެއާލްއަށް ބަދަލުވެ، ތަފާތު ކުޅުމެއް ދައްކަމުން އައި ނަމަވެސް، އަނިޔާގެ ސަބަބުން އޭނާއަށް މިދިޔަ ދެ ސީޒަނެއްގައި ގިނަ މެޗުތަކެއް ގެއްލުނެވެ. އެހެން ނަމަވެސް، މި ސީޒަނުގައި ބޭލް އަންނަނީ އަނެއްކާވެސް ފޯމަކަށް އެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ރަތްކާޑު ދެއްކީ އެތުލެޓިކޯގެ ޕާޓޭއަކަށޯ! އެޓިމަށް ޕާޓޭންވެސް ކުޅެނީތަ؟

  2. ޙހހ

    ޢަދ