އިނގިރޭސި ޕްރިމިއާ ލީގުގެ ކާޑިފްއަށް 15 މިލިއަން ޕައުންޑްގެ އާޖެންޓީނާ ފޯވަޑް، އެމިލިއާނޯ ސަލާ ދަތުރުކުރި ޕްރައިވެޓް ފްލައިޓް އިންގްލިޝް ޗެނަލްގެ ތެރެއަށް ގެއްލުނީ މިދިޔަ މަހު 21 ގައެވެ.

ކުރީގެ ކްލަބު ނަންޓެސްއާ ވަދާއީ ސަލާމް ކުރުމަށްފަހު އެނބުރި ކާޑިފްއަށް ދިޔަ މަގުމަތީގައި ސަލާގެ ފްލައިޓް ވެއްޓި ގެއްލުނު އިރު، އިދާރާ ތަކުން ހޯދުން ހުއްޓާލީ މީގެ ދެ ހަފްތާ ކުރިންނެވެ. އެތައް ފުޓުބޯޅަ ތަރިންނަކާއި ސަލާގެ އާއިލާއިންވެސް ގުޅިގެން އޭނާގެ ފްލައިޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ ފްލައިޓް ހަތަރު ދުވަސް ކުރިން ކަނޑު އަޑިން ފެނުނީ ހާއްސަ ސޯނާއެއްގެ އެހީގައެވެ.

އޭގެ ތެރޭގައި މީހެއްގެ ހަޑިގަނޑި އޮވެގެން ނެގި އިރު، އެއީ ސަލާގެ ހަޑިގަނޑުކަން އިއްޔެ ވަނީ ޔަގީންވެފައެވެ.

އެހިސާބުން މުޅި ދުނިޔޭގެ އެތައް ކްލަބަކުންނާއި ކުޅުންެތެރިންނެއް ސަލާގެ އާއިލާއަށް ތައުޒިޔާ އަދާކޮށް، ހިތްވަރު ދީފައިވެއެވެ. ރޭ ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގައިވެސް ކަޅު ރިބަން އަޅާފައިވާ އިރު، ކޮންމެ މެޗެއްގެ ކުރީގައި ހާއްސަ ސުކޫތެއް ގެނެސްފައިވެއެވެ.

ކާޑިފްއިން ރޭ ކުޅުނު މެޗުން 2-1ގެ ނަތީޖާއަކުން ސައުތުހޭމްޓަން ބަލިކުރި އިރު، މެޗަށްފަހު ވާހަކަ ދައްކަމުން ނީލް ވާނަކް ބުނެފައި ވަނީ މޮޅު ހަދިޔާކުރާނީ އެމިލިއާނޯ ސަލާއަށް ކަމަށެވެ. ކާޑިފްގެ ކެޕްޓަން ބުނެފައި ވަނީ ސަލާގެ ކުއްލި ވަކިވުމާއެކު ކުޅުންތެރިންނަށް ނަފްސާނީ ކަންކަން ދިމާވެފައިވާ އިރު، ކެޕްޓަން ބުނީ ސަލާ ކްލަބަށް ނުކުޅުނު ނަމަވެސް އެއީ އާއިލާ މެމްބަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު