އެފްއޭއެމްގެ ލީޑާޝިޕާ މެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި ގިނަ ކްލަބްތަކުގެ ތާއިދާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބުން އެފްއޭއެމްއަށް މިއަދު ހުށަހަޅައިފިއެވެ.

ވިކްޓަރީން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން ހުށަހެޅީ އެފްއޭއެމްގެ އިންތިހާބުގައި ވޯޓު ލެވޭ 24 ކްލަބްގެ ތެރެެއިން 19 ކްލަބްގެ ސޮއި ހިމަނައިގެންނެވެ.

އެފްއޭއެމްގެ ލީޑާޝިޕާ މެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ކްލަބްތަކުގެ ތާއީދު ހޯދުމަށް ދާދިފަހުން ނިއުރޭޑިއަންޓުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށް އެފްއޭއެމްއިން ވަނީ ނިއުގެ މަސައްކަތް ނާކާމިޔާބު ކޮށްލާފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. ނަމަވެސް ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ނިއު އިން ބުނެ އެވެ.

އެފްއޭއެމްގެ ލީޑާޝިޕާ މެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި ގިނަ ކްލަބްތަކަކުން ސޮއި ކުރިއިރު އެފްއޭއެމް އާއި ސަރުކާރާއި ދެމެދު ހިޔާލުތަފާތުވުން އުފެދި ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވިފައި ވެއެވެ.

އެފްއޭއެމް އާއި ގުޅޭ ޝަކުވާތައް އިތުރު ވެފައިވާއިރު ރާއްޖޭގެ ކްލަބްތައް ވަނީ ދުވަހަކު ދަރަނިވެރި ނުވާ މިންވަރަށް ދަރަނިވެރިވެފައެވެ. މިދިޔަ އަހަރު އެންމެ ކްލަބެއް ފިޔަވައި އެހެން ހުރިހާ ކްބަލަބަކުން ގަވައިދުން މުސާރަ ދީފައެއް ނުވެއެވެ. ޓީމްތަކުން މުސާރަ ނުދިން ނަމަވެސް މިދިޔަ އަހަރު ވެސް ކްލަބްތަކަށް ސަރުކާރުން އެތައް ލައްކަ ރުފިޔާއެއް ދިނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ކްލަބްތަކަށް މާލީ މައްސަލަތައް ދިމާވިއިރު އެފްއޭއެމް އިން އެކަށީގެންވާ ޒިންމާއެއް އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މީ ކާކު

  2. ހާދާލު

    ތީތި ސަޅިއެއް ނޫން.

  3. ކުރީގެ ރެފްރީއެއް

    ތީ ކުރަންވެފައި އޮތް ކަމެއް. ރެފްރީންގެ ކުޑަ އެލަވަންސް ކޮޅުވެސްލިބެނީ މިމީހުން ފަހަތުން ދުވެ ދެފައިގައި ދޫލާފަހުން 3 އަހަރުވީމަ. މީފުކެއްބޮޑުވަރު. ރެފްރީންގެ ބޮޑުންނަށް ތިބީ ރެފްރީންގެ އިހްސާސްތައް ނުދަންނަ މީހުން. މިޒަމާނަށް ނުފެތޭ ދެމީހުން. މާމޮޅު މައްލާއަކާ ހާޝިމެއް. މިހާރުން މިހާރަށް މިމީހުން ދުރުކޮށް ރެފްރީންދެކެ ލޯބިވި ރެފްރީންގެ އިހްސާސްތައް ދަންނަ އަމީޒު އެތަނަށް ގެންނަންޖެހޭ.