އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އީގަލްސްއިން ކުޅުނު މެޗު، 5-0ގެ ނަތީޖާއަކުން އީގަލްސް ކާމިޔާބުކޮށްފިއެވެ. މެޗުގައި އީގަލްސްގެ ހުނަރުވެރި ފޯވަޑް ހަސަން ރާއިފް (ހަންނަ) ވަނީ ހެޓްރިކް ހަދާފައެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު ގްރޫޕް ބީގެ މެޗުން މޮޅުވެ އީގަލްސް ވަނީ ދެ މެޗުން ހަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ގްރީން ސްޓްރީޓްސް ދެވަނައިގައި އޮތް އިރު، އެޓީމަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ކްލަބު އޭދަފުއްޓާއި މާޒިޔާއަށްވެސް ތިން މެޗު ތިން ޕޮއިންޓް ލިބިފައިވާ އިރު، އޭގެ ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެއް މެޗެވެ.

ޔޫވީންވެސް ދެ މެޗުން ތިން ޕޮއިންޓް ހޯދާފައި އޮތް އިރު، ސެމީގެ ފުރުސަތު އަދިވެސް ފަހިކޮށް އެބައޮތެވެ.

ރޭގެ މެޗަށް ނުކުތް އިރު، ދެޓީމުންވެސް އޮތީ މޮޅަކަށް ފެންބޮވައިގެންފައެވެ. ތާވަލުގެ އެއްވަނައަށް ޖެހިލައި، ލީޑު ނެގުމަށެވެ.

މެޗުގެ ފެށިގެން މިނެޓެއްގެ ތެރޭގައި ހަންނަ އީގަލްސްއަށް ލީޑު ނަގައިިދިނެވެ. އަނެއްކާވެސް މެޗުގެ 13 ވަނަ މިނެޓުގައި ހަންނަ ވަނީ އީގަލްސްގެ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ގޯލަށްފަހުވެސް އީގަލްސްއަށް ހުއްޓުމެއް ނެތެވެ. 17 ވަނަ މިނެޓުގައި މުހައްމަދު އަޒުމޫން ޖެހި ގޯލާއެކު އެޓީމުން ލީޑު އިތުރަށް ފުޅާ ކުރިއެވެ.

ކުރީކޮޅުގައި ޖެހި ދެ ގޯލާއެކު އީގަލްސްއިން މެޗު ކޮންޓްރޯލްކޮށް، ޕާސްތައް ގިނަކޮށް ކުޅެން ފެށިއެވެ. ދެވަނަ ހާފަށްވެސް އީގަލްސް ނުކުތީ އެ ފޯމުގައެވެ. 51 ވަނަ މިނެޓުގައި ހަންނަ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި އޭގެ ދެ މިނެޓެއްހާ އިރު ފަހުން އަޒުމޫންގެ ދެވަނަ ގޯލާއެކު އީގަލްސްއިން ޔޫވީގެ ހިތްވަރު ގެއްލުވާލިއެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ގްރޫޕް އޭގެ މެޗުގައި ވާދަކުރާނީ ފޯކައިދުއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ހަބަރު ފޮޓޯ/ އެފްއޭއެމް