އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގައި ޓެކްޓިކްސް ބަދަލު ކުރަން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ސާރީ ޗެލްސީއަށް އައިފަހުން ޗެލްސީގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ޗެލްސީގެ ޑިފެންސިވް ކުޅުން ވަރަށް ބޮޑަށް ދޫކޮށްލާ މުޅިން އެޓޭކިން ފުޓުބޯޅައެއް ޗެލްސީން ވަނީ ކުޅެން ފަށާފައެވެ. ޗެލްސީގެ އެޓޭކިން ކުޅުމުގައި އެންމެ ދަށްކޮށް ފެންނަނީ ޑިފެންސެވެ.

ލީގުގެ ދެވަނައިގައި މިވަގުތު އޮތް ސިޓީ އަބަދުވެސް އެޓޭކިން ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިރު، މިރޭ ޗެލްސީން ނުކުންނާނީ ތަފާތު ޓެކްޓިކްސްއެއްގައި ކަމަށް ސާރީ ބުންޏެވެ. ސާރީ ބުނެފައި ވަނީ ސިޓީ ކައިރީގައި ނުކުންނަން ޖެހޭނީ ސިޓީގެ ހަލުވިކަމަށް ވިސްނައިގެން ކަމަށާއި، މުޅިން އެޓޭކަށް ވިސްނައިގެން ސިޓީ ކައިރީގައި ބޮނޑި ލިބޭނެ ކަމަށެވެ.

ސިޓީން ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ހަމަކުރުމަށް ފަހަތުގައި ވިއްދަމުންދާ އިރު، ޗެލްސީން ނުކުންނާނީ އަނބުރާ ގަދަ ހަތަރަކަށް ވަނުމަށެވެ. ޔުނައިޓެޑުންވެސް ވަރުގަދަ ފޯމެއްގައި އޮތް އިރު، ޗެލްސީއަށް ގަދަ ހަތަރަކަށް އޮތް އެންމެ ބޮޑު ޗެލެންޖަކީވެސް މިހާރު ޔުނައިޓެޑެވެ.

ޗެލްސީން އަލަށް ގެނައި ފޯވަޑް ގޮންޒާލޯ ހިގުއައިން ރަނގަޅު ފެށުމަކުން ފަށާފައިވާ އިރު، މިރޭގެ މެޗަށް އެޓީމަށް އޮތް އުންމީދަކީވެސް އެއީއެވެ.