ފްރާންސްގެ ނަންޓޭސްއިން ކާޑިފްއަށް ބަދަލުވި އެމިލިއާނޯ ސަލާގެ ފްލައިޓް އޭނާއާއި ކެޕްޓަން އިބަޓްސަންއާއެކު އިންގްލިޝް ޗެނަލްއަށް ގެއްލުނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.

ކާޑިފްއަށް ރެކޯޑު އަދަދަކަށް ސޮއިކުރި ސަލާ، ކާޑިފްއަށް މެޗެއް ކުޅެފައިނުވާ އިރު، އޭނާ ދަތުރުކުރަމުން ދިޔައީ ނަންޓޭސްގެ ކުޅުންތެރިންނަށް ވަދާއުގެ ސަލާމް ކުރުމަށްފަހުގައެވެ. ސަލާގެ ފްލައިޓް ގެއްލުމާއެކު އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފަންޑުކޮށްގެންވެސް އޭނާގެ ފްލައިޓް ހޯދާ އެކަކުގެ ހަށިގަނޑު ނަގާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

އެ ހަށިގަނޑަކީ ނަންޓޭސްގެ ތަރި ސަލާގެ ހަށިގަނޑުކަން ޔަގީންވުމާއެކު މުޅި ދުނިޔޭގެ ފުޓުބޯޅަ އާއިލާއިން ވަނީ އެކަމުގެ ހިތާމާގައި ބައިވެރިވެ، އާއިލާއަށް ހިތްވަރު ދީފައެވެ. ހާއްސަކޮށް އޭނާ އެތައް ދުވަހެއް ހޭދަކުރި ނަންޓޭސްއަށް މިއީ ފަސޭހަ ދުވަސްތަކެއް ނޫނެވެ.

ސަލާގެ މަރު ޔަގީންވިފަހުން ނަންޓޭސްގެ ފުރަތަމަ މެޗަށް ނިމޭސްއަށް ދެކޮޅަށް މިރޭ ނުކުތް އިރު، މެޗަށް ޓީމު ނުކުތީ އެއްކޮށް ކަޅު ޖާޒީގައި ސަލާގެ ނަން ޖާޒީއެއްގައި ޖަހައިގެންނެވެ. މިރޭގެ މެޗުގެ ޓިކެޓްވެސް ސަޕޯޓަރުންނަށް ނަންޓޭސްއިން ވިއްކީ ނުވަ ޕައުންޑަށެވެ. މުޅި ދަނޑުންވެސް ސަލާގެ ޖާޒީއާއި އޭނާގެ ހަނދާނީ ބޭނާތައް ފެންނަ އިރު، މެޗުގެ ކުރިން ހާއްސަ ސުކޫތެއްވެސް ގެނެސްފައިވެއެވެ.

ނަންޓޭސްގެ ކޯޗު މެޗުގެ ކުރިން ދިން އިންޓަވިއުގައި ސަލާގެ އަސަރުގަދަ ވާހަކަތަކެއް ކިޔާދީފައިވާ އިރު، އޭނާއަށް ރޮވުނެވެ. މިހާރު ކުރިއަށްދާ މެޗުގެ ކުރިން ގެނައި ސުކޫތުގައިވެސް މުޅި ސްޓޭޑިއަމް ރޮއްވާލިއެވެ.