ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާއި، ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު ކްލަބު ގްރީން ސްޓްރީޓްސްއަށް މިރޭ ސޮއިކޮށްފިއެވެ.

އެ ދެ ކުޅުންތެރިންވެސް ގްރީންއަށް ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި މިރޭ "ދަ ކިޗަން"ގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ގްރީންއިން ދަގަނޑޭއާއި އުމައިރު ގެންގޮސްފައިވާ އިރު، އެ ކްލަބުގައި މިދިޔަ އަހަރުވެސް ހުރި ކޯޗު، އަލީ ސުޒޭން ވަނީ މަޑުކުރަން ނިންމާފައެވެ.

ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީން ހޯދި އިރު، އެޓީމަށް މުހިއްމު ކުޅުމެއް ދައްކާ، މިދިޔަ އަހަރު ރާއްޖޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ދަގަނޑޭ، ކުރިއަށް އޮތް ސީޒަންގައި ޓީސީ ޖާޒީގައި ނުފެންނާނެ ކަމަށް އެ ކްލަބުން ވަނީ ކުރިން އިއުލާން ކޮށްފައެވެ.

ދަގަނޑޭ މިދިޔަ ސީޒަންގެ ފުރަތަމަ ބައިގައި ކުޅުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. އެ ކްލަބަށް މޮޅު ކުޅުމެއް ދައްކާ މާލޭ ލީގުވެސް ކާމިޔާބުކޮށްދިނުމަށްފަހު ދަގަނޑޭ ޓީސީއަށް ބަދަލުވީ ނިއުއިން މުސާރަ ނުދޭތީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅާ، އެފްއޭއެމްއިން އޭނާއާއި ނިއުއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލާ ދިނުމުންނެވެ.

މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަންގައި 42 ގޯލް ޖެހި ދަގަނޑޭ ވަނީ ސީޒަންގެ ރަން ބޫޓުވެސް ހޯދައިފައެވެ. ރާއްޖޭގެ ތާރީހުވެސް ދުތް އެންމެ މޮޅު ކުޅުންތެރިޔާ، ދަގަނޑޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދަކަށް ހޯދައިފައެވެ.

ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައިވެސް ފުޓުބޯޅައިގައި ކާމިޔާބީތައް ހޯދާފައިވާ ދަގަނޑޭއަކީ މިގައުމު ދުތް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އުމައިރަކީވެސް ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. ވިކްޓަރީން ވިދާލި އުމައިރު ވަނީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައެވެ. އޭނާ ވަނީ ވީބީއާއި މާޒިޔާއަށް މޮޅު ކުޅުމެއް ދައްކާ ނިއު ރޭޑިއަންޓްގައިވެސް ވިދާލާފައެވެ.

މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އުމެއިރު ވަނީ 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް 60 ވަރަކަށް މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައިވެސް އުމައިރު ވަނީ ކުޅެފައެވެ.

 

ފޮޓޯ: ވަގުތު އިމޭޖްސް / އަމީން ހުސައިން ފަހުމީ