އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމްއިން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ޓޮޓެންހަމްއިން ވަގުތީ ހޯމް، ވެމްބްލީގައި މިރޭ ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ ޓޮޓެންހަމް އޮތީ 26 މެޗުން 60 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި ސިޓީ އޮތީ 62 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 65 ޕޮއިންޓާއެކުގައެވެ.

ސިޓީން މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު، ގަދަ ހަތަރަކަށް އެރުމަށް ޗެލްސީއަށް މިރޭގެ މެޗު މުހިއްމެވެ. ސިޓީން ޗެލްސީ ބަލިކޮށްފި ނަމަ، އެޓީމުން އަނެއްކާވެސް އެއްވަނައަށް އަރާނެއެވެ.

މެޗު ވަރުގަދަކޮށް ފެށި ޓޮޓެންހަމްއިން ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން އެރިކްސަން ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލީ ޑިފެންޑަރު ސަންޗޭޒްގެ ބޮލުންނެވެ. މެޗުގެ ދެވަނަ ހާފަށް ނުކުމެ ލެސްޓާއިންވެސް ރަނގަޅު ކުރިއެވެ. ހާއްސަކޮށް އެޓީމަށް 60 ވަނަ މިނެޓުގައި ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވުނެވެ.

އެޓީމަށް ޕެލެންޓީއެއް ލިބުނު އިރު، ޕެނެލްޓީ ޖަހަން ދިޔައީ އެ ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޭމީ ވާޑީއެވެ. އޭނާގެ ޕެނެލްޓީ މަތަކޮށް، ޓޮޓެންހަމް ސަލާމަތް ކޮށްދިނީ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ. އޭގެ ފަހުންވެސް ވާޑީގެ ދެ ހަމަލާއެއް ފެނިގެން ދިޔަ އިރު، އޭނާއަށް ލިބުނު ހުސް ފުރުސަތެއް ބޭކާރު ކޮށްލި އިރު، ދެވަނަ ހަމަލާއެއް މަތަކުރީ ގޯލްކީޕަރު ލޮރިސްއެވެ.

ލެސްޓާއިން ކުރިއަށް ޖެހިގެން އެޓޭކް ކުރަމުން ދަނިކޮށް، ލޮރެންޓޭ ތަަނަވަސްކޮށްދިން ބޯޅައަކުން، އޭރިއާ ބޭރުން އެރިކްސަން ހިތްގައިމު ގޯލެއް ޖަހައި ޓޮޓެންހަމްއަށް ލީޑު ފުޅާކޮށްދިނެވެ. ޓޮޓެންހަމްއިން ހަމަޖެހިލި ތަނާ ވާޑީގެ ގޯލުން އަނެއްކާވެސް މެޗު ފޯރިގަދަ ކޮށްލިއެވެ.

ލެސްޓާއިން ޕޮއިންޓެއް ހޯދަން ކުރިއަށް ޖެހުނު ވަގުތު އޭގެ ފައިދާ ނެގީ ސޮންއެވެ. މެޗު ނިމެން ދަނިކޮށް، އަނެއް ހާފުން ބޯޅައާއެކު ބާރު ދުވެލީގައި ސޮން ނިންމާލި ބޯޅައާއެކު ޓޮޓެންހަމްއިން ތިން ޕޮއިންޓް ޔަގީންކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު