ސާޖިއޯ އަގުއޭރޯގެ ހެޓްރިކާއެކު މެންޗެސްޓާ ސިޓީން ޗެލްސީ ލަދު ގަންނަވާލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސިޓީ ދަނޑުގައި ކުޅުނު މެޗު، ސިޓީން ކާމިޔާބުކުރީ ތަފާތު ބޮޑު 6-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ މިނެޓުގައި ޗެލްސީގެ ނުރައްކާތެރި ހަމަލާއެއް ފެނުނު ނަމަވެސް، އެ ހަމަލާއަށްފަހު މެޗުގެ އޮއެވަރު ބަދަލުކޮށްލިއެވެ. ސިޓީން އެޓެކޭކަކަށްފަހު އެޓޭކެއް ކުރަން ފެށިއެވެ. ޗެލްސީން މެޗަށް ނުވަދެވިގެން އުޅެނިކޮށް، މެޗުގެ ހަތަރު ވަނަ މިނެޓުގައި ރަހީމް ސްޓާލިން ލީޑު ނެގިއެވެ.

ޗެލްސީގެ ޑިފެންސް ނުވިސްނާ ތިބި ގަޑިއެއްގައި ކެވިން ޑިބްރޭނާ، ބާނާޑޯ ސިލްވާއަށް ދިން ބޯޅައިން ޗެލްސީ ޑިފެންޑް ހުޅުވާލި އެވެ. އަރިމަތިން އޭރިއާ ތެރެއަށް ވަދެ އޭނާ ހުރަސް ކުރި ބޯޅަ، ޗެލްސީގެ ޑިފެންޑަރެއްގެ ފައިގައި ޖެހި ފަހިވީ، ސްޓާލިންއަށެވެ. ސްޓާލިން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަން އިރު، ގޯލްކީޕަރު ކެޕާ ޖެހުނީ ބަލަން ހުންނާށެވެ.

ފުރަތަމަ ގޯލާއެކު ސިޓީ ހުއްޓުމެއް ނެތެވެ. ޗެލްސީ ކައިރީގައި ބޭނުން ގޮތަކަށް ކުޅެން ފެށިއެވެ. ކުދި ޕާސްތަކާއެކު ގަޑިއޯލާގެ މޮޅު ފުޓުބޯޅަ ފެނިގެންދިޔަ އިރު، މެޗުގެ ކުރީކޮޅުގައި ސާޖިއޯ އަގުއޭރޯއަށް ލިބުނު ރަނުގެ ފުރުސަތެއް އޭނާ ބޭކާރު ކޮށްލިއެވެ. އަގުއޭރޯ އެ ފުރުސަތު ނަގާލި ނަމަވެސް، އޭގަ ޖަވާބު ދިނީ 13 ވަނަ މިނެޓުގައި ދުރުން ޖެހި ހިތްގައިމު ގޯލުންނެވެ.

އަގުއޭރޯގެ ދެވަނަ ގޯލަށް މާ ގިނައިރެއް ނުވެއެވެ. 19 ވަނަ މިނެޓުގައި ބާކްލޭ ހެދި ގޯހެއްގެ ބޭނުން ހިފާ އަގުއޭރޯ ނިންމާލިއެވެ. ސިޓީގެ ތިން ގޯލް ވެގެންދިޔައީ ޗެލްސީއަށް ބޮޑު ހައިރާން ކަމަކަށެވެ. އެ ހައިރާން ކަމުގައި ޗެލްސީގެ ކުޅުންތެރިން ތިއްބާ ސިޓީން އަނެއްވެސް ގޯލް ޖެހިއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ނަތީޖާއަކީ ސިޓީ 4-0އެކެވެ.

ފުރަތަމަ ހާފްގައި ޗެލްސީއަށް ސިޓީ ގޯލަށް ނުރައްކާ ކުރެވުނީ އެންމެ ފަހަރަކުއެވެ. ގޮންޒާލޯ ހިގުއައިން ދުރުން ފޮނުވާލި ބާރު ހަމަލާ އެޑަސަން ދިފާއުކުރީ ފަސޭހަ ކަމާއެކުގައެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީން ރަނގަޅު ކުރަން ހިފި ނަމަވެސް، އެކަމަށް މެޗުގެ އޮއެވަރު އެހީއެއް ނުވިއެވެ. ހާފްގެ ކުރީކޮޅުގައި އަޒްޕިލިކުއެޓާ ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީން ސިޓީ ފަސްވަނަ ގޯލް ޖެހިއެވެ. އަގުއޭރޯ އޭނާ ޕްރިމިއާ ލީގުގައި ހެދި 11 ވަނަ ހެޓްރިކް ހެދި އިރު، އެލެން ޝިއެރާގެ ރެކޯޑާ އެއްވަރު ކުރިއެވެ.

ޗެލްސީން މެޗަށް އަނބުރާ ވަނުމަށް ސިޓީން ފުރުސަތެއް ނުދިނެވެ. މެޗު ކޮންޓްރޯލްކޮށް ހަމަލާތައްވެސް އުފެއްދިއެވެ. ކެޕާގެ ދެ ސޭވްއެއް ފަހު ހާފް ފެނުނު އިރު، ސިޓީން މެޗު ނިންމާލީ ޗެމްޕިއަނުންގެ ގޮތުގައެވެ. މެޗުގެ 79 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާ ޗެލްސީ ފައްތާލިއެވެ.

ޒިންޗެންކޯގެ ރީތި ހުރަސް ގޯލަށް ނިންމާލީ ސްޓާލިންނެވެ.

މިރޭގެ މެޗުން މޮޅުވެ ސިޓީ އެއްވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުން މެޗެއް މަދުން ކުޅެ އެ އަދަދަށް ޕޮއިންޓް ހޯދާފައި އޮތް އިރު، އެޓީމު އޮތީ ދެވަނައިގައެވެ. ޗެލްސީ ހަވަނައިގައި އޮތް އިރު، އެޓީމަށް 26 މެޗުން ލިބެނީ 50 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް އާސެނަލްއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި ޔުނައިޓެޑް އޮތީ 51 ޕޮއިންޓާއެކުގައެވެ.