އިއްޔެ ހަވީރު ހިންނަވަރުގައި ކުޅުން މެޗުން ބަލިވިނަމަވެސް މިނިވަން ޗެމްޕިއަންޝިޕްގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ނައިފަރުން ހޯދައިފިއެވެ.

އިއްޔެ ހަވީރު ހިންނަވަރު ދަނޑުގައި ކުޅުނު މެޗް 0 - 1 އިން ކާމިޔާބުކުރީ ހިންނަވަރު ޓީމެވެ. މި މެޗްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ 31 ވަނަ މިނިޓްގައި ވިޖާޒް އީސާފުޅެވެ. މީގެކުރިން ނައިފަރުގައި މިދެޓީމް ބައްދަލުކުރި މެޗް ނައިފަރުން ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. އެ މެޗް ނައިފަރުން ކާމިޔާބު ކޮށްފައިވަނީ 0 - 3 ގެ ނަތީޖާއަކުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ޅ. އަތޮޅުން ބައިވެރިވެފައިވަނީ ޖުމްލަ 2 ޓީމް ކަމުން އެ އަތޮޅު މުބާރާތުގައި ކުޅެފައިވަނީ ހޯމް އެންޑް އަވޭގެ އުސޫލުން ދެރަށުގައި ދެމެޗެއެވެ. ނައިފަރުން އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ އެގްރިގޭޑް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މިއާއިއެކު ނައިފަރުންމިވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ނައިފަރުގެ އިތުރުން މި ޒޯންގައި ދެން ވާދަކުރާނީ ބ. އަތޮޅު ފެހެންދޫ އާއި ރ. އަތޮޅުގެ ޗެމްޕިއަނުންނެވެ. ރ. އަތޮޅުގެ ޗެމްޕިއަން ޓީމް ޔަގީން ވާނީ މިމަހު 22 ގައި ކުޅޭ އަތޮޅު ބުރުގެ މެޗަށްފަހުއެވެ.