ސެރެއާއޭގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްއިން 3-0ގެ ނަތީޖާއަކުން ސަސުއޯލޯ ބަލިކޮށްފިއެވެ.

ރޭގެ މެޗުން މޮޅުވެ އެޓީމު ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގާފަައެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއެކު އޭނާ ވަނީ އެންމެފަހުން ކުޅުނު އަވޭ ނުވަ މެޗުގައިވެސް ގޯލް ޖަހާފައެވެ. ސިރިއާއޭ ތާރީހުގައިވެސް އެއް ކުޅުންތެރިޔަކު އެންމެ ގިނައިން، މެދު ކެނޑުމެއް ނެތި އަވޭ ގޯލް ޖާހަފައި ވަނީ 10 މެޗުގައެވެ.

މިހާތަނަށް ޔުވެންޓަސްއަށް ކުޅުނު 31 މެޗުގައި ރޮނާލްޑޯ ވަނީ 20 ގޯލް ޖަހާފައެވެ. ސެރެއާއޭގައިވެސް އޭނާ ވަނީ 18 ގޯލް ޖަހާފައެވެ. ޓޮޕް ސްކޯރާއަކީވެސް ރޮނާލްޑޯއެވެ.

ރޭގެ މެޗުގައި ޔުވެންޓަސްއަށް ފުރަތަމަ ގޯލް ޖަހައިދިނީ ސެމީ ކެދީރާއެވެ. ރޮނާލްޑޯގެ ބާރު ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ރީބައުންސް ފޮނުވާލާ އޭނާ ލީޑު ނެގިއެވެ. މެޗުގެ ބޮޑު ބައިގައި ޔުވެންޓަސައިން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، 70 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ.

ޕިޔަނިޗްގެ ހުރަސް ގޯލަށް ވައްދާލީ ރޮނާލްޑޯއެވެ. އޭގެ ފަހުން މެޗު ނިމެން ދަނިކޮށް ޔުވެންޓަސްއިން ތިންވަަނަ ގޯލެއްވެސް ޖެހިއެވެ. އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ލިވަޕޫލުން އެޓީމާ ގުޅުނު އެމްރޭ ޗޭންއެވެ.