އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ސީރީސް ފެށުމުގެ ގޮތުން އަންނަ ހުކުރު ދުވަހު އޮންނަ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އިންޑިއާގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ޔުވްރާޖް ސިންގާއި ހަރްބަޖާން ސިންގް ހިމެނޭ އެއާ އިންޑިއާ ޓީމު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ހުކުރު ދުވަހު އޮންނަ ކްރެކެޓް ސީރީސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެޕްޓަންކުރައްވާ ޓީމަކާއި ގައުމީ ކްރިކެޓް ޓީމުވެސް ވާދަކުރާނެއެވެ. ދިހަ އޯވަރަށް ކުޅޭ ދެ މެޗު ކުޅުމަށް އެއާ އިންޑިއާ ޓީމު ރާއްޖެ އަންނާނީ ބުރާސްފަތި ދުވަހުއެވެ. އެއާ އިންޑިއާ ޓީމުގައި ކުރީގެ އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވާ ފަސް ކުޅުންތެރިއެއްގެ އިތުރުން މިހާރު ވެސް ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ފަސް ކުޅުންތެރިން ހިމެނެއެވެ.

ކުރިންވެސް ކްރިކެޓް ކުޅުއްވި ރައީސް ސޯލިހް ކެޕްޓަންކަން ކުރައްވާ ޓީމުގައި ސަރުކާރުގެ ބައެއް އިސް ވެރިންނާ ކުރީގެ މަޝްހޫރު ކުޅުންތެރިން ވެސް ކުޅޭނެއެވެ. އޭގެ ތެރޭގައި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ހިމެނެ އެވެ. މީގެ އިތުރުން ޗަމްޕާ ހުސެއިން އަފީފާއި ކެރަފާ އަހުމަދު ނަސީމާއި އިބްރާހިމް އިބްރާހިމް ނޫރައްދީން ވެސް މެޗުގައި ކުޅުއްވާނެއެވެ.

ގައުމީ ޓީމާ ދެކޮޅަށް އެއާފޯސް ޓީމު ކުޅޭ މެޗު ހުކުރު ދުވަހު ހަވީރު އޮންނާނެއެވެ.

ޔުވްރާޖް ސިންގަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކްރިކެޓް ކުޅުންތެރިޔާއެވެ. ކެރިއަރުގައި ކެންސަރާވެސް ހަނގުރާމަ ކުރި ޔުވްރާޖު ވަނީ 2011 ވަނަ އަހަރު ވޯލްޑް ކަޕްވެސް އިންޑިއާއާއެކު ހޯދާފައެވެ. އެ ވޯލްޑް ކަޕްގައި މުޅި ވޯލްޑް ކަޕްގެެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޔުވްރާޖެވެ. ހަމައެގޮތަށް ހަރުބަޖާންއަކީވެސް އިންޑިއާއާއެކު ވޯލްޑް ކަޕް ހޯދާފައިވާ ކުޅުންތެރިއެކެވެ. 2002 ވަނަ އަހަރު އިންޑިއާއިން ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައިވެސް އޭނާއަކީ މުހިއްމު ކުޅުންތެރިއެކެވެ. ހަރުބަޖާންއާއި ޔުވްރާޖުވެސް ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ އިރު، މިއީ މިހާތަނަށް ރާއްޖޭގައި ކުޅޭ އެންމެ މަތީ ފަންތީގެ ކުޅުންތެރިންކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު އިމްރާނު

    މި ސަރުކާރަށް ކުޅެވޭނީ ހުސް ކުޅިވަރު. ސަރުކާރު ހިންގުމާއި ރައްޔިތުންނާއި ޤައުމުގެ ކަންކަން ކުރެވޭވަރަށްވުރެ ޢިލްމީގޮތުން ފެންވަރު ދަށްކަމަށް ފާހަގަ ކުރެވޭ.