ޗެމްޕިއަންސް ލީގުގެ ގަދަ 16އަށް ރޭ ޕީއެސްޖީން ނުކުތް އިރު، އެޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލައެވެ.

ރޭގެ މެޗަށް ނުކުތް އިރު، ޕީއެސްޖީގ ފޯވަޑް ލައިނުން އެންމެ މުހިއްމު ކުޅުމެއް ދައްކަމުންދާ ކަވާނީއާއި ނޭމާ ހުރީ އަނިޔާގައެވެ. އާންމުކޮށް ފޯވަޑް ލައިނުން ފެންނަ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ފެނުނީ އެމްބާޕޭ އެކަންޏެވެ.

މެންޗެސްޓާ ޔުނައިޓެޑަށް އެކަމުގެ ފައިދާއެއް ނުނެގުނެވެ. މެޗުގައި ޕީއެސްޖީގެ ފޯވަޑް ލައިން ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު، ޑިމަރިއާ ވަނީ ދެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. އެމްބާޕޭ ވަނީ ގޯލެއްވެސް ޖަހާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ ބިރުގަންނަ ކަހަލަ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ ކަމަށާއި، ޕީއެސްޖީ މޮޅީ ހުރިހާ ކުޅުންތެރިން ހަމައަށް ލިބެން އޮންނަ އިރު، އެކަނި ނޫން ކަމަށެވެ.

" ބިރުގަންނާނެ ކަހަލަ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ. ޕީއެސްޖީ މޮޅީ ހަމައެކަނި ހުރިހާ ކުޅުންތެރިން ހަމައަށް ތިބޭ އިރަކު ނޫން. އަނިޔާގެ ތިބި ކުޅުންތެރިން ނުލާވެސް ޕީއެސްޖީ މޮޅު، އެކަން ރޭގެ މެޗުންވެސް އެނގުނު،" އެމްބާޕޭ ބުންޏެވެ.

މިހާތަނަށް ސީޒަނުގައި 23 ގޯލް ޖަހާފައިވާ އިރު، ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ޗެމްޕިއަންސް ލީގުގައި ޖެހި 14 ވަނަ ގޯލެވެ. 14 ގޯލަކީ ފްރާންސްގެ ލެޖެންޑް ޒިދާންވެސް ޖަހާފައިވާ ޗެމްޕިއަންސް ލީގު ގޯލްގެ އަދަދެވެ.

އެމްބާޕޭ ބުނީ ނޭމާއާއި ކަވާނީއަކީ މުހިއްމު ދެ ކުޅުންތެރިން ނަމަވެސް، ފުޓުބޯޅައަކީ ދަނޑު މައްޗަށް އަރާ 11 ކުޅުންތެރިންގެ ހިތްވަރާއި ރޫހު ކަމަށެވެ. އަދި ރޭހެ މެޗުގައި ޕީއެސްޖީން ދެއްކީ އެ ތަފާތު ކަމަށްވެސް އެމްބާޕޭ ބުންޏެވެ.