ޗެލްސީއަށް ކޯޗުކަން ކޮށްދެމުންދާ މައުރީޒިއޯ ސާރީގެ ބަދަލުގައި ޗެލްސީން ފްރާންސްގެ ލެޖެންޑް ޒިދާން ބޭނުންވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

މިދިޔަ ތިން ސީޒަނުގައިވެސް ރެއާލްއާއެކު ޗެމްޕިއަންސް ލީގު އުފުލާލި ޒިދާން، މި ސީޒަންގެ ކުރިން ރެއާލް ދޫކޮށްލިއެވެ. އަދި އޭނާ މިވަގުތު ހުރީ ކުޑަ ޗުއްޓީއެއްގައެވެ.

ޗެލްސީން ސާރީއާއެކު ރަނގަޅަށް ސީޒަން ފެށި ނަމަވެސް މިހާރު އެޓީމަށް ވަނީ ގިނަ މައްސަލަތަކެއް ކުރިތިވެފައެވެ. ލީގު ތާވަލުގެ ހަވަނައަށް ޗެލްސީ ވެއްޓިފައިވާ އިރު، އެޓީމު މިހާރު އޮތީ އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑްގެ ފަހަތުގައެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު އުންމީދު ޗެލްސީއަށް ފަނޑުވަމުންދާ އިރު، ސާރީއަށް އެންމެ ބޮޑަށް ކުރިމަތިވި ޕްރެޝަރަކީ އެންމެފަހުން މެޗުގައި ސިޓީއަ ދެކޮޅަށް ކުޅުނު މެޗުން 6-0ގެ ނަތީޖާއަކުން ބަލިވުމެވެ.

އެ މެޗަށްފަހު މީޑިއާގައިވެސް ޗެލްސީން ސާރީ ފޮނުވާލާނެ ކަމުގެ ވާހަތައް ގިނަވެފައިވާ އިރު، މިއަދު ދެކެވެން ފެށި ވާހަކައަކީ އެ މަގާމަށް ޒިދާން ގެންދަން ޗެލްސީން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކައެވެ. ޒިދާންވެސް ޗެލްސީއަށް ދިޔުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާ އިރު، ޗެލްސީގެ ތަރި އެޑެން ހަޒާޑް ޗެލްސީގައި މަޑުކުރުވުމަށްވެސް ޒިދާން ގެންދިޔުމަށް ކްލަބުން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފްތާ ތެރޭގައިވެސް ޒިދާން ލަންޑަންގައި ވަގުތަކެއް ހޭދަކޮށްފައިވާ އިރު، އޭނާ އަބަދުވެސް އިނގިރޭސި ފުޓުބޯޅައަށް ޝައުގުވެރިކަން ފާޅުކުރާ ކަމަށް މައުލޫމާތުތައް ބުނެއެވެ. އެގޮތުން ދާދިފަހުން މެންޗެސްޓާ ޔުނައިޓެޑުން މޮރީނިއޯ ދޫކޮށްލުމުން އެ މަގާމު ފޫބައްދަންވެސް ޒިދާން ގެންދަން އުޅުނުކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.