ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފެށުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ.

މާދަމާ ހަވީރު 4:45ގައި ފޮނަދޫ ޓާފް ދަނޑުގައި މުބާރާތް ފަށާ އިރު، މުބާރާތް ހުޅުވާދޭނީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓެވެ. އޭނާއާއެކު ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސަ (މޯ) ބައިވެރިވާނެއެވެ.

މުބާރާތް ފަށާނީ ފޮނަދޫގެ ވެޓެރަންސް ޓީމަކާއި، ލ. މާމެންދޫ ވެޓެރަންސް ޓީމެއް ވާދަކުރާ ހާއްސަ ފުޓްސަލް މެޗަކުންނެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި، ގައުމީ ޓީމާއެކު މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗު ސެގަޓާއެކު ފޮޓޯ ނެގުމުގެ ސެޝަނެއްވެސް ކުރިއަށްދާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު ހުޅުވާދޭ ގައުމީ ކޯޗު، ސެގަޓަކީ ސަރަހައްދީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. އެގޮތުން އޭނާއަކީ މީގެކުރިން ޖޯޖިއާއާއި އަފްގާނިސްތާނުގައިވެސް މަސައްކަތް ކޮށްފައިވާ ކްރޮއޭޝިއާގެ ކޯޗެކެވެ. އޭނާ އަފްގާނުގެ އިތުރުން ޖޯޖިއާގައިވެސް ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ އިރު، ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ މިއަހަރުއެވެ. ސެގަޓްގެ އިރުޝާދުގެ ދަށުން ރާއްޖެއިން ވާދަކުރި އެންމެ ފުރަތަމަ މުބާރާތަކީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ ފައިނަލްގައި ވަރުގަދަ އިންޑިއާ ބަލިކޮށްގެންނެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ 14 ޓީމެވެ. ފޮނަދުއަށް އަމާޒުކޮށްގެން ބާއްވާ މުބާރާތުގައި ފޮނަދޫގެ ޓީމުގެތަކުގެ އިތުރުން ހާއްސަ ދައުވަތެއްގެ ގޮތުގައި ލ. މާންދު، އެމްއެންޑީއެފް ފަޔަރުގެ ޓީމެއްވެސް ބައިވެރިވާނެއެވެ. މި މަހު 14 ވަނަ ދުވަހު މުބާރާތް ފެށުމަށް ތައްޔާރުވެފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހު 21 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގްރޫޕްތައް:

ގްރޫޕް އޭ: އެމްއެންޑީއެފް ފަޔާ، ފިއުޗާ ވެޓެރަންސް، އެމްއާރްއެފްސީ، ކުއަންޓަމް

ގްރޫޕް ބީ: ޔޫތު އެކަޑެމީ، ބަނޑު އެފްސީ، އެލްވައިއެމް، ގައިތަންޑޭ

ގްރޫޕް ސީ: ލެކްރޮސް، ޖީ ސްޓާ، ޝަބްނަމީ ކަނެކްޓް

ގްރޫޕް ޑީ: ނިއު ހޯމް ސިޓީ، ފޮނަދޫ ޕޮލިސް، ބަރާސިލް އެފްސީ

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ “ވަގުތު”އެވެ.