ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން އަޔެކްސް ބަލިކޮށްފިއެވެ.

އަޔެކްސްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު ފުރަތަމަ ލެގުގައި މެޗުގައި އަޔެކްސްއިން ހިތްވަރާއެކު މޮޅަށް ކުޅުނު ނަމަވެސް، ފަހު ވަގުތު ރެއާލްއިން ވަނީ އެޓީމު ބަލިކޮށްފައެވެ. މެޗުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗަށް ދެޓީމުވެސް ނުކުތީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. އެންމެފަހުގެ ޗެމްޕިއަން ރެއާލް، ސީޒަން ފެށީ ދަށްކޮށް ނަމަވެސް އެޓީމުން އަންނަނީ މެޗަކަށްފަހު މެޗެއް ކުރިއަރަމުންނެވެ. މޮޅުވެ ނަތީޖާތައްވެސް ނެރެމުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ހަލުވި އެޓޭކެއް ކޮށް، ރެއާލްއަށް ހުރިހާ އުނދަގުލެއް ކުރިމަތިކުރުވީ އަޔެކްސްގެ ހަލުވި ފޯވަޑް ލައިނެވެ. މޮރޮކޯގެ ފޯވަޑް ޒިޔެޗް ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ މަތީ ދަނޑިއަށް އަމާޒުވި އިރު، އޭނާގެ އިތުރު ހަމަލާއެއް ގޯލްކީޕަރު ކޯޝުއާ ދިފާއުކުރިއެވެ.

ފުރަތަމަ ހާފްގައި ރެއާލްގެ ފަރާތުން ޗެމްޕިއަނުންގެ ކުޅުމެއް ފެނިފައެއް ނުވެއެވެ. މުޅިން ފެނުނީ އަޔެކްސްގެ ޒުވާން ޓީމުގެ ހިތްވަރެވެ. އެޓީމުން އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުން ގޮސް، ޓަގްލިފިކޯ ވަނީ ބޯޅަ ގޯލަށްވެސް ވައްދާލާފައެވެ. އެހެން ނަމަވެސް އެޓީމަށް ގޯލާއެކު ސަލާމަތް ނުވެވުނެވެ.

ޗެމްޕިއަންސް ލީގުގައި ފުރަތަަމަ ފަހަރަށް ވީއޭއާރް ބޭނުން ކުރި އިރު، އެ ގޯލް ރެފްރީ ނިންމީ ސައިޑް ކަމަށެވެ. ދެވަނަ ހާފް ފެށިގެން ނުކުމެ، ރެއާއިން މެޗަށް ވަނުމަށް ގޯލްވެސް ޖެހިއެވެ. 60 ވަނަ މިނެޓުގައި ބެންޒެމާ ގޯލް ޖެހި އިރު، ރެއާލްއިން ހަމަޖެހުމަށް އަޔެކްސްއިންވެސް ވަގުތެއް ނުދިނެވެ.

މެޗުގައި ގޯލަށް ނުރައްކާކުރި އެތަކެއް ހަމަލާއެއް ނާކާމިޔާބު ވުމަށްފަހު ޒިޔެޗުގެ ގޯލާއެކު އަޔެކްސްއަށްވެސް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ނަތީޖާގައި އޮތް ނަމަވެސް، އަޔެކްސްއިން ހިތްވަރާއެކު މަސައްކަތް ކުރީ އަނެއްކާވެސް އަނެއް ގޯލް ޖެހުމަށެވެ. އެހެން ނަމަވެސް އެޓީމު ކުރިއަށް ޖެހުނު ވަގުތު ފައިދާ ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް އެސެންސިއޯއެވެ.

ރެއާލްއާއި އަޔެކްސް، ރެއާލް ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަމަގު ފަހެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    އަސެންސިއޯ އެއް ނޫން އަޔެކްސް ރޮއްވާލީ! ސީދާ ކަނޑައެޅިގެން ރެފްރީ ކުރިކަމެއް އެއީ! އަނެއްކާވެސް "ޙަޤީޤީ" ޗެމްޕިއަންސް ލީގުގެ ކުޅިގަނޑު ރަސްމީކޮށް ފެށުނީ! ދެން ރެއާލް ކުޅޭ ކޮންމެ މެޗެއްގަވެސް ފައިނަލް މެޗާއި ހަމައަށް އެހެން އަހަރުތަކެކޭ އެއްގޮތަށް ތިޔަ ކުޅިގަނޑު އޮންނާނީ.

  2. ދސ

    އަސެންސިޔޯ އަކީ ޔަހުޔާ. ޔުއެފާއަކީ ރެއަލްމެދިރިޑުގެ ޕަޕެޓެއް ކަން ސާފުވެއްޖެތަ ކަލޭމެނަށް ؟