ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ފުޓްބޯޅަ އާއި ވޮލީ ކުޅެގެން މަޝްހޫރުކަން ހޯދި އަބްދުﷲ ޖަލީލް (ކޭން ސޭޓު)ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު މާލޭގެ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

އުމުރުން 55 އަހަރުގެ ކޭން ސޭޓު ނިޔާވެފައި ވަނީ ލަންކާގެ ކޮލަމްބޯގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާއަކީ ނިއުގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައަށް ހިދުމަތްކޮށްދިން ފަރާތެކެވެ. ކުޅުމުގެ ތެރެއިން ދުރަށް ދިޔުމަށްފަހު މިހާރު އޭނާ ފާހަގަކޮށްލެވެނީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.

1980ގެ އަހަރުތަކުގައި ސައްޔިދު ހުސައިން މެންނާއެކު ވޮލީގައި ފާހަގަކޮށްލެވުނު ކޭން ސޭޓަކީ ދަނޑުމަތީގައި މޮޅު ފޯވަޑެކެވެ. އޭނާ ފާހަގަކޮށްލެވެނީ ޖެހިލުން ކުޑަ، އެގްރެސިސް ސްޓައިލްގެ ފޯވަޑެއްގެ ގޮތުގައެވެ.

ނިއުއަށް އެކިއެކި ކަންކަމުގައި ކޭން ސޭޓު އަމިއްލަ ޖީބުންވެސް ހަރަދުކޮށްފައިވާ އިރު، އޭނާގެ ކުޅުން ހުއްޓާލުމަށްފަހުވެސް ނިއުގެ ހިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުރެފައިވެއެވެ. ނިއުއިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީއަށް ދިޔަ އިރުވެސް، އެޓީމަށް އެހީވެ ޓީމުގެ ދަތުރުތަކުގައި އޮފިޝަލެއްގެ ގޮތުން ކޭން ސޭޓު ބައިވެރިވިއެވެ.

ކޭން ސޭޓު ނިޔާވުމާ ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ އާއިލާއިން ދަނީ މީސް މީޑިއާގައި އެކަމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު