ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖު(ގަދަ 32 ޓީމު)ގައި ޗެލްސީން ކުޅުނު މެޗުން އެޓީމު މޮޅުވި އިރު، އާސެނަލް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ގްރޫޕް ސްޓޭޖު ނިމި ނޮކްއައުޓް ސްޓޭޖުގައި ރޭ ޗެލްސީއާއި އާސެނަލްވެސް ކުޅުނީ އަވޭގައެވެ. ޗެލްސީން ސްވިޑެންގެ މަލްމޯ އެފްއެފްއާ ދެކޮޅަށް އެގައުމުގައި ކުޅުނު އިރު، އާސެނަލްއިން ބާޓޭ ބޮރިސޯވްއާ ދެކޮޅަށް ކުޅުނީ ބެލެރޫސްގައެވެ.

ބެލަރޫސްގައި އާސެނަލްއިން ކުޅުނު މެޗުން އެޓީމު ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ 85 ވަނަ މިނެޓުގައި އެލެކްސެންޑްރާ ލަކަޒެޓަށް ދެއްކި ރަތްކާޑާއެކު އާސެނަލުން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެެ.

ރޭގެ މެޗުގައި އާސެނަލުން ވަރުގަދަކޮށް ފެށި ނަމަވެސް، އެޓީމަށް ލިބުނު ފުރުސަތުތައް ބޭކާރު ކޮށްލުމުން ބާޓޭއިން މެޗަށް ވަންނަން ފުރުސަތު ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ހާފް ނިމެން ދަނިކޮށް ސްޓާނިސްލޭވް ޑްރަގުން ޖަހައިދިން ގޯލާއެކު އާސެނަލް ލީޑު ނެގިއެވެ.

ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރޭގައި ހުސްކޮށް ކަހަލަ ގޮތަކަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ބޮލުންނެވެ.

މެޗުގައި އާސެނަލް ފެނުނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވި، ބޭކާރު ގިނަ ޕާސްތަކެއް ޖެހިތަނެވެ. ހާއްސަކޮށް މެދުތެރެއިން ފޯވަޑްގެ ތެރެއަށް ރަނގަޅު ބޯޅައެއް ސަޕްލައި ކޮށްދެވިފައެއް ނުވެއެވެ. އާސެނަލަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމަށް އެންމެ ބޮޑު އެއް ފުރުސަތަކީ ޔޫރޮޕާ ލީގު ކާމިޔާބު ކުރުން ކަމަށްވާ އިރު، ދެން އޮންނަ ލެގުގައި އުނައި އެމެރީ ނަތީޖާ ނެރެން ބޭނުންވާނެކަން ޔަގީނެވެ.

އާސެނަލްގެ ވާދަވެރި ޗެލްސީއަށްވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އޮތް އެންމެ ބޮޑު އުންމީދަކީ ޔޫރޮޕާ ލީގެވެ. އެޓީމުން ސްވިޑަންގައި މަލްމޯ އެފްއެފްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗަށް ޗެލްސީ ނުކުތީ ސިޓީ އަތުން ލީގުގައި ވި 6-0ގެ ބަލި ހަނދާން ނައްތާލުމަށެވެ. ހޯމް ސަޕޯޓަރުންގެ ބާރު އަޑާއެކު އުނދަގޫ މާހައުލެއްގައި ޗެލްސީން ލީޑު ނެގީ 30 ވަނަ މިނެޓުގައެވެ. ޕެޑްރޯގެ ހުރަސް ގޯލަށް ވައްދާލީ ބާކްލޭއެވެ.

މެޗުގައި މަލްމޯއިން ރަނގަޅު ޕާސްތަކެއް ޖެހި ނަމަވެސް، ކައުންޓާ އެޓޭކްގައި ޗެލްސީއަށް ނުރައްކާ ކުރާ ވަރަށްވުރެ ކުޅުމުގެ ސްޕީޑް ފެނުނީ ދަށްކޮށެވެ. މެޗުގެ ދެވަނަ ހާފަށް ނުކުމ، އޮލިވިއާ ޖިރޫގެ "ފްލިކް" ގޯލަކާއެކު ޗެލްސީން ނަތީޖާ ފުޅާކުރި އިރު، މެޗު ނިމެން ދަނިކޮށް މަލްމޯއިން ވަނީ ދެވަނަ ލެގަށް އުންމީދެއް ހޯދާފައެވެ.

މަލްމޯގެ ގޯލް ކާމިޔާބުކޮށްދިނީ ކްރިސްޓިއަންސަންއެވެ.