ކްލަބުތަކުން ސޮއިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން މިދިޔަ ހަފްތާގައި އެފްއޭއެމްގެ ވެރިން ބަދަލުކުރުމަށް، ހާއްސަ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހެޅި އިރު، އެ ހުށަހެޅުމަށް ކްލަބުތަކުގެ ސޮއި ހޯދުމަށް ބިރު ދައްކާފައި ނުވާނެ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ހިޔާނުތުގެ ތެރޭގައި ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ހާމަވުމާއެކު އެ މައްސަލަ އިތުރަށް ބެލުމަށް ރައީސް މުހައްމަދު ސޯލިހް ވަނީ މަހުލޫފް ގޭގައި މަޑުކުރައްވަން އަންގަވާފައެވެ.

އެފްއޭއެމްގެ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި، މިދިޔަ ހަފްތާ ތެރޭގައި ވިކްޓަރީން އެފްއޭއެމްއަށް ސިޓީ ހުށަހަޅާފައިވާ އިރު، އެ ސިޓީގައި ގިނަ ކްލަބުތަކުން ސޮއިކޮށްފައިވާ ކަމަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ. އެފްއޭއެމްއާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ އިރު، އެފްއޭއެމްއިން ތުހުމަތު ކޮށްފައި ވަނީ ކްލަބުތަކުން ސިޓީގައި ސޮއިކޮށްފައި ވަނީ ޔޫތު މިނިސްޓަރުގެ ނުފޫޒުން ކަމަށެވެ.

ޔޫތު މިނިސްޓަރު ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކަންތައްތަކެއް ހިނގާ ކަމަށާއި، ފައިސާގެ މުއާމަލާތްތަކުގައިވެސް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ. އެފަދަ ތުހުމަތުތަކެއް ކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭނެ ނަމަ، ކްލަބުތަކަށް ދޭ ފައިސާގެ އެހީތެރިކަން ނުދޭނެ ކަމުގެ އިޝާރާތެއްވެސް މަހުލޫފު ވަނީ ދީފައެވެ.

އެފަދަ ގޮތަކަށް އެފްއޭއެމްގެ ކަންކަމުގައި ޔޫތު މިނިސްޓަރު މަހުލޫފު ވާހަކަ ދައްކާފައިވާ އިރު، ވިކްޓަރީގެ ސިޓީއާ ގުޅިގެން އެފްއޭއެމްއިން ފީފާގެ ލަފާއަކަށް އެދުމާއެކު ފީފާއިން ވަނީ އެފްއޭއެމްއަށް ހާއްސަ ސިޓީއެއް ފޮނުވާފައެވެ.

ފީފާގެ ސިޓީގައި ބުނެފައި ވަނީ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ކްލަބުން ގޮވާލި އިރު، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވުމަށް މިހާރުވެސް އެފްއޭއެމްއިން އިއުލާން ކޮށްފައިވުމާއެކު، އެކްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ދިޔުމަކީ އެންމެ އެކަށޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ ކޮންގްރެސްގައި ކްލަބުތަކުން ބޭނުންވާ ހިޔާލު ފާޅުކުރުމަށް ފުރުސަތު ލިބޭނެތީ ފީފާގެ އިރުޝާދުގެ ދަށުން މާޗު 25 ވަނަ ދުވަހު ކޮންގްރެސް ބާއްވަންވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

ފީފާގެ ސިޓީއާ ގުޅިގެން މަހުލޫފް ވިދާޅުވީ ކްލަބުތަކުން ސޮއިކުރީ މިނިސްޓަރު ބިރުދައްކައިގެން ކަމަށް ތަކުރާރުކޮށް ފީފާ އަދި އޭއެފްސީއަށް އެފްއޭއެމްއިން އަންގާފައިވާ ކަމަށެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނެކަން ނުވަތަ ނޫންކަން ނިންމާނީ މާޗު ތިންވަނަ ދުވަހު އަންނަ އޭއެފްސީ އަދި ފީފާގެ ޓީމުން ކްލަބުތަކާ ސުވާލުކޮށްފައި ކަމަށްވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

މަހުލޫފް ވިދާޅުވީ އެއްވެސް ކްލަބަކަށް އޭނާ ބިރުދައްކާފައި ނުވާނެ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަމާ ގުޅިގެން ޔޫތު މިނިސްޓަރާ އެފްއޭއެމްއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ އިރު، އެކަން ކަމާ ގުޅިގެން ފީފާއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމްގެ ކަންކަމުގެ ތެރެއަށް ތިންވަނަ ފަރާތަކުން ވަނުމަކީ ރާއްޖެ ސަސްޕެންޑް ވެދާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަލޮޅުދަނޑު

    މަހޭ ގެ ފަރާތުން ފުޓްބޯޅަ ކޮމިއުނިޓީ އަށް ދެރަ ގޮތެއް ވިޔަ ނުދޭތި. އެއީ ކަޑަ ކަމެއް.

  2. ބުއްޅަބޭ

    ވަކަރުގޭން ތަރުބިޔަތުވެފައިހުރި ސޮރެއްމީ! ނުއުފުލޭވަރުގެ ބޮޑު މަޤާމެއްދިނީމާ މަވެލާފަހުރޭ!

  3. ވަގުކަލޭގެ ހުންނާތި ނިކަން

    ހޫނ އެމްއެމްޕީއާރްސީ ފައިސާވެސް ކަލޭ ނުކައި. މީ ކޮންފަދަ ހަޔާތް މަދު އިންސާނެއްތަ. ޕްރިންޓް ކޮށްފަ ހުރި ޑޮލަރު ހިފައިގެން ޑޮލަރު ޖެހި ޓީޝާޓް ލައިގެން ހިތާވެގެން އުޅުނު އަންހެނަކާ ދެމީހުން ގޮސް ދޫވެހި ކުރިމައްޗަށް އެ އުކާ ހެދިއިރުވްސް މީނައަށް އެނގޭނެތާ މީނަ މީ އެމްއެމްޕީއާރްސީ ފައިސާ އިން ބައި އެޅިފަ ހުރި އެ ކައިކައި ހުރި މީހެއްކަން. މިވަރު ގޮތެއް ނެތް މީހަކު ދުށީމުތަ؟ ކަލޭގެ ގޭންގްތައްވެސް މިހާރު ކަލެއަށް ކުރަނީ މަލާމާތެއްނު.

    14
    1
  4. ޢަލީ އަހުމަދު

    ކަލޭ ނުކުރަމޭ ބުނެފިޔާ އަނެއްކޮޅަށް ވިސްނަން ވާނީ.
    ޥަގު

    10
  5. ޔާންޓޭ

    ބޮޑުވަގުމަހޭ އިސްތިޢުފާ. ބޮޑުވަގުމަހޭ އިސްތިޢުފާ.

  6. އެދުރުބެ

    މީނަ މީ މި ގައުމަށް ފާވެފައިހުރި ބޮޑު މުސީބާތެއް