އެފްސީ ބާސެލޯނާގެ ކޯޗު އާނަސްޓޭ ވެލްވާޑޭސްގެ ކޮންޓުރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެފްސީ ބާސެލޯނާއިންވަނީ އުމުރުން 55 އަހަރުގެ ވެލްވާޑޭސްގެ ކޮންޓުރެކްޓް 2020 ވަނަ އަހަރަށް އިތުރުކޮށް، އަދި އެ އަހަރު ނިމުމުން ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ މާއްދާއެއްވެސް ކޮންޓްރެކްޓްގައި ހިމަނާފައެވެ.

ވެލްވާޑޭއަކީ އެންރިކޭގެ ފަހުން ބާސާއާ ހަވާލުވި ކޯޗެކެވެ. އޭނާއާއެކު ކްލަބުން ވަނީ ފުރަތަމަ ސީޒަންގައި ޑޮމެސްޓިކް ދެ ތަށި ހޯދާފައެވެ. ލީގާއި ކޮޕާޑެލްރޭވެސް ވަލްވާޑޭގެ ފުރަތަމަ ސީޒަންގައި ބާސާއިން ހޯދާފައިވާ އިރު، މިއަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ސްޕެނިޝް ސުޕަ ކަޕްވެސް އެ ކްލަބުން ހޯދިއެވެ.

ވެލްވާޑޭގެ ކޯޗުކަމުގެ ދަށުގައި ބާސެލޯނާއިން ވަނީ 96 މެޗު ކުޅެފައެވެ. އޭގެ ތެރޭގައި 65 މެޗުން މޮޅު، 22 މެޗުން އެއްވަރުވި އިރު، ބަލިވެފައި ވަނީ ނުވަ މެޗުންނެވެ.

ވެލްވާޑޭ ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ބާސެލޯނާއަށް ކާމިޔާބީތައް ހޯދައިދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި، ވިސްނުމަކީ ހުރިހާ ތަށްޓަކަށްވެސް ވާދަކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު