ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޕައުލޯ ޑީބާލާގެ ގޯލްތަކުން ފްރޮސިނޯން ބަލިކޮށް، ޔުވެންޓަސްއިން ސެރެއާއޭގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު 24 މެޗުގެ ތެރެއިން 21 މެޗުން ޔުވެންޓަސް މޮޅުވެފައިވާ އިރު، އެޓީމު އެއްވަރުވީވެސް އެންމެ ތިން މެޗުންނެވެ. 24 މެޗުން 66 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި އޮތް ނަޕޯލީއަށް މެޗެއް މަދުން ކުޅެގެން ލިބިފައި ވަނީ 52 ޕޮއިންޓެވެ. ޔުވެންޓަސް މިވަގުތު އޮތީ 14 ޕޮއިންޓްގެ ލީޑެއްގައެވެ.

މެޗުގެ ކުރީކޮޅުގައި ޔުވެންޓަސްއިން ލީޑު ނެގީ ރޮނާލްޑޯގެ ޕާހެއް ޑީބާލާ ގޯލަށް ނިންމާލައިގެންނެވެ. އެ ގޯލަށްފަހު ދެކުޅުންތެރިންގެ އުފާފާޅު ކުރުމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. މީގެ ކުރީ މެޗެއްގައިވެސް ޑީބާލާގެ ސެލެބްރޭޝަންއާއެކު ރޮނާލްޑޯ ސެލެބްރޭޓް ކުރި އިރު، ރޭގެ މެޗުގައި ދެ ކުޅުންތެރިންގެ ސެލެބްރޭޝަން އެއްކޮށް ފެނިގެންދިޔައެވެ.

ރޮނާލްޑޯ އަދި ޑީބާލާއަކީވެސް ވަކި ސްޓައިލަކަށް އުފާފާޅު ކުރުމަށް ހާއްސަ ދެ ކުޅުންތެރިންނަށްވާ އިރު، އެ ދެކުޅުންތެރިން އެއްކޮށް އުފާފާޅު ކުރާ އިރު، ދެ ކުޅުންތެރިންގެ ސެލެބްރޭޝަންތައްވެސް ބޭނުން ކުރުން ވެގެންދިޔައީ ގިނަ ބަޔަކަށް ހާއްސަ ކަމަށެވެ. އެކަމާ ގުޅިގެން މީސް މީޑިއާގައި ހާއްސަ ވާހަކަތައް ދެކެވެމުންދާ އިރު، އެތައް ބަޔަކު ދަނީ ދެ ކުޅުންތެރިންގެ ކޮމްބިނޭަޝަން ރަނގަޅުކަން ފާހަގަކުރަމުންނެވެ.

ފުރަތަމަ ހާފްގައި ބޮނޫޗީ އިތުރު ގޯލެއް ޖެހި އިރު، 63 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ ގޯލްވެސް ޖަހާފައެވެ. އިޓަލީ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތް އިރު، މިހާތަނަށް ކުޅުނު 32 މެޗުން 32 ގޯލެއްގައި އޭނާގެ ހިއްސާ އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު