އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެންމެފަހުން ޗެމްޕިއަން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ޓީސީން ހޯދައިފިއެވެ.

ޓީސީން ސެމީ ފައިނަލް ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި ޓީސީގެ ދެ ގޯލްވެސް ޖެހި އިރު، ގްރީންއަށް ފަހަތުން އަރާ އެތަން ފޫބެއްދިފައެއް ނުވެއެވެ.

މިއަދުގެ މެޗުގައި ޓީސީން ވިދާލީ ދެ ގޯލް ޖެހި، ޒަޔާން ނަސީރެވެ. މެޗު ފެށިގެންވެސް ފަސް މިނެޓުވެސް ނުވަނީސް އޭނާގެ ފުރަތަމަ ގޯލް ޖެހި އިރު، އޭގެ ހަ މިނެޓް ފަހުން ދެވަނަ ގޯލް ޖަހައި، ގްރީންއަށް މާޔޫސްކަން ގެނުވިއެވެ. އޭނާއަށް ހެޓްރިކް ފުރިހަމަ ކުރުމަށްވެސް ފުރުސަތު ލިބުނު އިރު، ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ގޯލް ލައިން މަތިން ގްރީންގެ ޑިފެންޑަރު ވަނީ ސާފުކޮށް ބޭރުކޮށްލާފައެވެ.

މެޗުގެ ފުރަތަމަ ހާފް ޓީސީން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، ގްރީންއިން ނަތީޖާގެ ފަރަގު ކުޑަކޮށް މެޗު ތެރެއަށް ވަނެވެ. 49 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުން ގޯލަށް ވައްދާލީ ހަސަން ލައުހެވެ.

ގްރީންއިން މިދިޔަ އަހަރު ފައިނަލްގައި އީގަލްސް ބަލިކޮށް ތަށި ނެގި އިރު، މިރޭ އޮންނަ ސެމީ ފައިނަލް ދެވަނަ މެޗުގައި އީގަލްސް ނުކުންނާނީ ދަ ގޭންގާ ދެކޮޅަށެވެ. މިރޭގެ ސެމީ ފައިނަލް އޮންނާނީ ގައުމީ ދަނޑުގައި މިރޭ 8:30 ގައެވެ.