ލިއޮނަލް މެސީ ޖެހި ޕެނެލްޓީން، 1-0ގެ ނަތީޖާއަކުން ރެއާލް ވަލްޑޮލައިޑް ބަލިކޮށް، ލަލީގާގެ އެއްވަނައިގައި ބާސާ ހަމަޖެހިލައިފިއެވެ.

ރޭގެ ނަތީޖާއަކު ބާސާ ވަނީ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ބާސާގެ ދަނޑު، ކޭމްޕް ނޯގައި ރޭކުޅުނު މެޗު ފެށިގެން މެޗު ކޮންޓްރޯލް ކޮށް ކުޅުނީ ބާސާއިންނެވެ. އިދިކޮޅު ޓީމުގެ އޭރިއާއަށް ނުރައްކާކޮށް މެޗު ކޮންޓްރޯލްވެސް ކުރިއެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް، ބާސެލޯނާގެ ޑިފެންޑަރް ޕީކޭއަށް، އޭރިއާ ތެރެއިން ވޮލްޑޮލައިޑް ޑިފެންޑަރު ކުރި ފައުލަކުން ބާސާއަށް ޕެނެލްޓީއެއް ލިބުނެވެ.

މި ޕެނެލްޓީ ކާމިޔާބުކޮށްދިނީ މެސީއެވެ. އެ ގޯލަކީ މި ސީޒަނުގައި މެސީ ޖެހި 30 ވަނަ ގޯލެވެ.

ދެވަނަ ހާފްގައިވެސް ބާސާއިން މެޗު ކޮންޓްރޯލްކޮށް ކުޅުނު އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޯޓީނިއޯއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ބާސާއަށް އިތުރު ޕެނެލްޓީއެއްވެސް ލިބުނެވެ.

އެ ޕެނެލްޓީވެސް މެސީ ޖެހި އިރު، ވަލްޑޮލައިޑްގެ ގޯލްކީޕަރު މަސިޕް ވަނީ ދިފާއުކޮއްފައެވެ. މެޗުގައި އެ ގޯލްކީޕަރުގެ ތަފާތު ސޭވްތަކެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ޝުއަރޭޒްއާއި މެސީ ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް އޭނާ ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު