ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން މިރޭ ކުޅުނު މެޗުގައި ތާވަލުގެ 15 ވަނައިގައި އޮތް ގިރޯނާ އަތުން ބަލިވެ، ދެވަނައަށް އެރުވެން އޮތް ފުރުސަތު ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުން ރެއާލް ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުން ރެއާލް ބަލިވީ ގޯލެއް ޖަހާފައި ވަނިކޮށް، އެޓީމުން ފަހަތުން އަރާ ދެ ގޯލް ޖަހައިގެންނެވެ.

މެޗުގެ ކުރީކޮޅުގައި ރެއާލްއިން ރަނގަޅަށް ފަށާ، 25 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ޓޯނީ ކުރޫސްގެ ހުރަހަކުން ލީޑު ނަގައިދިނީ ކަސަމޭރޯއެވެ. ކުރޫސްގެ ހުރަސް ކަސަމޭރޯ ގޯލަށް ވައްދާލީ ބޮލުންނެވެ.

މެޗުގައި ލީޑު ނަގައި، ފުލް ކޮންޓްރޯލާއެކު ކުޅެމުންދިޔަ ރެއާލްއަށް ލީޑު ފުޅާކުރާނެ އިތުރު ފުރުސަތުތަކެއްވެސް ވަނީ ލިބިފައެވެ. ކަރިމް ބެންޒެެމާއާއި މާކަސް އެސެންސިއޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނު އިރު، ފުރަތަމަ ހާފް ނިންމާލީ ލީޑުގައި އޮވެގެންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ގިރޯނޯއަށް ޕެނެލްޓީއެއް ލިބި އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. ރާމޯސް އަތުގައި ޖެހުމުން ލިބުނު ޕެނެލްޓީން ނަތީޖާހަމަހަމަ ކޮށްދިނީ ކްރިސްޓިއަން ސުޓުއާނީއެވެ.

ގޯލަކާއެކު ރެއާލްއަށް ޕްރެޝަރުވެފައިވާ އިރު، މެޗުގެ 75 ވަނަ މިނެޓުގައި ރެއާލް ކޮޅަށް ގިރޯނާއިން ދެވަނަ ގޯލެއް ޖެހިއެވެ. އޭރިއާ ތެރޭގައި ހުރެ އޭނާ ހުހަށް އޮވެ ބޮލުން ފޮނުވާލި ބޯޅައަށް ގޯލްކީޕަރު ތިބޯ ކޯޝުއާއަށް ކުރެވޭނެ ކަމެއް ނެތެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރާމޯސްއަށް ރަތް ކާޑު ދެއްކީ އޯވަހެޑެއް ޖަހަން މަސައްކަތް ކުރުމުގެ ތެރޭގައި ގިރޯނާ ކުޅުންތެރިންތެރިޔަކު ބޮލުގައި ބޫޓުން ޖެހުމުން ރެފްރީ ދެއްކި ދެވަނަ ރީނދޫކާޑާއެކުގައެވެ.

ތާވަލުގެ ތިންވަނައިގައި 24 މެޗުން 45 ޕޮއިންޓާއެކު ރެއާލް އޮތް އިރު، އެއްވަނައިގައި ބާސާ އޮތީ 54 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 24 މެޗުން 47 ޕޮއިންޓާއެކުގައެވެ.