2-0 އިން ސައުތްހެމްޓަން ބަލިކޮށް ޕްރިމިއަރ ލީގުގެ ތިންވަނަ އަށް ލިވަޕޫލް އަލުން އަރައިފިއެވެ.

ރޭގެ މޮޅާ އެކު ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 54 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 56 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު އެއްވަނައިގައި 72 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ލިވަޕޫލް އަތުން ރޭ ބަލިވި ސައުތްހެމްޓަން އޮތީ 26 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލް އަށް ލީޑު ނަގާދީފައެވެ. ފަމީނޯގެ މި ގޯލަށްފަހު ސައުތްހެމްޓަން އިން ލިވަޕޫލްގެ ގޯލަށް ދެ ހަމަލާ އެއް ފޮނުވާލި ނަމަވެސް އެ ދެ ހަމަލާ ވެސް ލިވަޕޫލްގެ ކީޕަރު ކަރިއުސް ވަނީ ދިފާއުކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާ އެކު ލިވަޕޫލް އިން ފުރަތަމަ ހާފް ނިންމާލުމާ ގާތަށް ގޮސްފައިވަނިކޮށް މެޗުގެ 42 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 29 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ވެސް ލިވަޕޫލް އިން ވަނީ ސައުތްހެމްޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި މެޗުގައި ހުރިހާ ކަމެއް ލިވަޕޫލް އަށް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް ގޯލުތައް ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ މުހިއްމު ވަގުތު ތަކުގައި ކަމަށެވެ.

"އަހަރުމެންގެ އަމާޒަކީ ލީގުގެ ގަދަ ހަތަރެއް. އެކަން ކުރުމަށް އަހަރުމެން ބޭނުންވޭ ޕޮއިންޓުތައް. އެހެންވީމަ ކޮންމެ ހަފްތާއެއްގައި ވެސް ކުޅޭ މެޗަކީ މުހިއްމު މެޗެއް. ލީގުގަ އަދިވެސް ބާކީ އެބަހުރި މެޗުތަކެއް. މިގޮތުގައި ކުރިއަށް ދެވޭތޯ އަހަރުމެން ބަލާނަން" ކްލޮޕް ބުންޏެވެ.

ލީގުގައި ލިވަޕޫލް އިން ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.