ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގައި ބަރާސިލް އެފްސީއާއި ޝަބްނަމީ ކަނެކްޓް، އަދި ލެކްރޮސްއާއި ފޮނަދޫ ޕޮލިސް ވާދަކުރަން ޖެހިއްޖެއެވެ.

ޖުމްލަ 14 ޓީމު ބައިވެރިވި މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމި، ރޭ ކުޅެފައި ވަނީ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. ކުއާޓާގައި ފޯރިގަދަ މެޗުތަކެއް ފެނިގެން ގޮސްފައިވާ އިރު، ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ޝަބްނަމީ ކަނެކްޓްއާއި މާންދޫ ފުޓްސަލް ކްލަބެވެ.

މެޗު 2-0ގެ ނަތީޖާއަކުން ޝަބްނަމީއިން ކާމިޔާބުކުރި އިރު، މެޗުގައި ވިދާލީ ޝަބްނަމީ ހޯލްޑިންސްގެ ހުސައިން ޝަރީފް (އޮންލީ)އެވެ. މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.

ކުއާޓާގެ މެޗުތަކުގެ ތެރެއިން ---

ރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. އެމްއެންޑީއެފްއާއި ލެކްރޮސް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން، ސެމީއަށް ދާނެ ޓީމެއް ނިންމީ ޕެނެލްޓީގައެވެ. ޕެނެލްޓީ ޖަހައިގެން ލެކްރޮސްއިން ސެމީގެ ޖާގައެއް ހޯދި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ލެކްރޮސްގެ އަލީ ހާފިޒު (ކުޑަ އައްޔަ)އަށެވެ.

ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި އެފްސީ ބަރާސިލުން ބަނޑަ އެފްސީ ބަލިކުރީ ފަސޭހަކަމާއެކު 9-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަރާސިލްގެ ހުސައިން ނާޝިދު (ނާއްޓޯ) ހެޓްރިކް ހެދި އިރު، އޭނާއަކީ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ކުއާޓަ ފައިނަލް ފަހު މެޗުގައި ޕޮލިހުން 6-0ގެ ނަތީޖާއަކުން އެލްވައިއެމް ބަލިކުރި އިރު، މެޗުގައި މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ޓީމުގެ އާދަމް ވަޖީހެވެ.

ކުއާޓާގެ މެޗުތަކުގެ ތެރެއިން ---

ފޮނަދޫ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ “ވަގުތު”އެވެ.

ސެމީ ފައިނަލް މެޗުތައް:

21:00 ބަރާސިލް އެފްސީ - ޝަބްނަމީ ކަނެކްޓް

22:00 ލެކްރޮސް - ފޮނަދޫ ޕޮލިސް