ތަޖުރިބާކާރު ޑިފެންޑަރު، މުހައްމަދު ރަޝީދު (ހޮކޭ)، ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް (ދަ ގޭންގް)އަށް ސޮއިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ހޮކޭއަކީ ގައުމީ ޓީމަށްވެސް ގިނެ މެޗުތަކެއް ކުޅެދީފައިވާ ރ. އަލިފުއްޓަށް އުފަން ކުޅުންތެރިއެކެވެ.

ތިނަދޫ ޒުވާނުންގެ ކްލަބުން ފުރަތަމަ ޑިވިޝަނަށް ތައާރަފް ވެގެން ނުކުތް ހޮކޭ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން ވެލެންސިއާ އަދި މާޒިޔާގައިވެސް ކުޅެފައެވެ. ހޮކޭ އެންމެ ގިނަ ދުވަހު ހޭދަކުރި ކްލަބަކީ މިދިޔަ ސީޒަންގައިވެސް އޭނާ ކުޅުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި މިވަގުތު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓަށް އޭނާ ވަނީ 2014 ވަނަ އަހަރުގެ ސީޒަނުންގެ ފެށިގެން ކާމިޔާބު މެޗުތަކެއް ކުޅެދީފައެވެ. އަދި އެ ކްލަބާއެކު އޭނާ ވަނީ ރާއްޖޭގެ އެތައް ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

މިިދިޔަ އަހަރުގެ ސީޒަންގެ މުސާރައިން ދިވެހި 10 ކުޅުންތެރިއަކަށް ނިއުއިން ދޭން ޖެހޭ 3.8 މިލިއަން ނުދެވި އޮތް އިރު، ހޮކޭގެ ކޮންޓްރެކްޓްވެސް ބާތިލުކޮށްފައި ވަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސް ކޮމިޓީންނެވެ.

2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށްވެސް ކުޅެފައިވާ ހޮކޭ ވަނީ ޗެލެންޖު ކަޕާއި ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގައިވެސް ގައުމީ ޓީމަށް މުހިއްމު މެޗުތަކެއް ކުޅެދީފައެވެ.

ދަ ގޭންގަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަން ޓީމެވެ. މި އަހަރަކީ އެޓީމުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

 

ކިޔުންތެރިންގެ ހިޔާލު