ކްލަބު އީގަލްސްއިން ހަތަރު ވަނަ ފަހަރަށް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު ފައިނަލްގައި އީގަލްސްއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

އީގަލްސްއިން މެޗަކުން ބަލިނުވެ މިއަހަރުގެ މުބާރާތް ކާމިޔާބުކުރި އިރު، މީގެ ކުރިން 2014، 2016 އަދި 2017 ވަނަ އަހަރުވެސް އެޓީމުން މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ފަިއނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގެ ފުރަތަމަ ހާފްވެސް ފެނުނީ ހަމަލާތައް ގިނަ، ބަލާލަން ހިތްގައިމު ކުޅުމެއް ފެނިގެންދިޔަ ހާފެއްގެ ގޮތުގައެވެ. އީގަލްސްއިގެ އިސްމާއިލް ވިފާގުގެ ހަމަލާއަށްފަހު ޓީސީގެ އަކުމަލް މުހައްމަދު (އަކޫބެ)ގެ ހަމަލާއެއްވެސް ފާހަގަކޮށްލެވުނު އިރު، މެޗުގެ 17 ވަނަ މިނެޓުގައި ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ) އުފެއްދި ނުރައްކާތެރި ހަމަލާ ދިފާއުކުރީ އީގަލްސްގެ ގޯލްކީޕަރު ސިނާހެވެ.

އީގަލްސް އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި މުހައްމަދު އަޒުމޫން ޖެހި ގޯލުންނެވެ. ކޯނަރަކުން އޭރިއާތެރެއިން ހައިޝަމް ހަސަން ބޮލުން ޖައްސާލި ބޯޅަ ލިބުނީ އޭރިއާތެރޭގައި ހުސްކޮށްހުރި އަޒްމޫނަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ދެވަނަ ހާފްވެސް އީގަލްސްއިން ކޮންޓްރޯލްކޮށްގެން ކުޅުނު އިރު، ހަސަން ރާއިފް (ހަންނަ)އާއި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އާދަމް ފަހުމާންގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވިކްޓަރީއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ މާހީ އަބްދުﷲއެވެ. އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ އީގަލްސް ހަންނަ އާއި ސައިފުﷲ އިބްރާހިމް އަދި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން)އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިއަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ވާދަކޮށްފައިވެއެވެ. އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ، ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސްއެވެ.