ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ލެކްރޮސްއާއި ޝަބްނަމީ ކެނެކްޓް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅުފައިވާ އިރު، ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ.

ފޮނަދޫ ފުޓްސަލް ގްރައުންޑުގައި ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޝަބްނަމީ ކަނެކްޓުން ނުކުތީ ބަރާސިލް އެފްސީއާ ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ބަރާސިލް އެފްސީއަށް ލީޑު ނަގައިދިނީ ހުސައިން ނާޝިދު (ނާއްޓޯ)އެވެ. ނާއްޓޯގެ ގޯލާއެކު އެޓީމުން ލީޑުގައި އޮވެ ހާފް ނިންމާލަން މަސައްކަތް ކުރި ނަމަވެސް، ޝަބްނަމީ ކަނެކްޓްގެ އިބްރާހީމް ޒިހާން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ރޭގެ ސެމީ ފައިލް މެޗުގެ ތެރެއިން ---

ދެވަނަ ހާފްގައި ރަނގަޅަށް ފަށާ ޝަބްނަމީ ކަނެކްޓުން ލީޑު ނެގިއެވެ. އަހުމަދު ޔާމިންގެ ހިތްގައިމު ގޯލާއެކު ޝަބްނަމީން މެޗުގެ ލީޑު ނެގި އިރު، އެޓީމަށް ފައިނަލް ޔަގީން ކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނު ގޯލްކީޕަރު އަބްދުﷲ ނާފިޒްގެ މޮޅު ސޭވްތަކަކާ އެކުގައެވެ.

ދެވަނަ މެޗުގައި ލެކްރޮސް ނުކުތީ ފޮނަދޫ ޕޮލިހާ ދެކޮޅަށެވެ. އެ މެޗު ލެކްރޮސްއިން ކާމިޔާބުކުރީ 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ކުރީ ކޮޅުގައި ބާސިމް އަބްދުއް ސަމަދުގެ ގޯލާއެކު ލެކްރޮސްއިން ލީޑު ނެގި އިރު، އަލީ ހާފިޒް (ކުޑަ އައްޔަ) އަދި މާޒިޔާގެ މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖޭނޭ)ގެ ކުޅުން ހިފެހެއްޓުމަށް ޕޮލިސް ނުކުޅެދުނެވެ.

ރޭގެ ސެމީ ފައިލް މެޗުގެ ތެރެއިން ---

މެޗުގެ އަލީ ހާފިޒް ހެޓްރިކް ހެދި އިރު، ފުރަތަމަ ހާފްވެސް ނިންމާލީ 3-0ގެ ނަތީޖާއަކުންނެވެ. ލެކްރޮސްއިން ފަސޭހަކަމާއެކު މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، ބާސިމް ވަނީ އިތުރު ގޯލެއްވެސް ޖަހާފައެވެ. އޭގެ އިތުރުން އެޓީމުގެ ގޯލްތައް ޖަހައިދިނީ ޖޭނޭ އަދި އިބްރާހީމް ފާޒިއުއެވެ.

ޕޮލިސް ޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ހުސައިން އާސިމްއެވެ.

ފޮނަދޫ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ “ވަގުތު”އެވެ.

ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:30ގައެވެ.