އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ޗައިނާގެ ކްލަބެއް ކަމަށްވާ ސިޗުއާން ޖިއުނީގެ ހިއްސާ ގަނެފިއެވެ.

ސިޓީގެ ވެރިޔާ މަންސޫރު ބިން ޒައިދް އަލް ނަހްޔާން ޗައިނާ ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޖިއުނީގެ ހިއްސާ ގަނެފައިވާ އިރު، އެ ކްލަބަކީ އޭނާ ހިއްސާ ގަތް ހަތްވަނަ ފުޓުބޯޅަ ކްލަބެވެ.

އެ ކްލަބާއެކު ސިޓީން ވަނީ ޔޫބިޓެކް ނަމަކަށް ކިޔާ ރޮބޮޓް ކުންފުންޏަކާ ޗައިނާގެ ސްޕޯޓް ކެޕިޓަލް ކުންފުނިވެސް ގަނެފައެވެ. ސިޓީގެ ވެރިޔަކީ މިހާރުވެސް ނިއުޔޯކް އެފްސީއާއި މެލްބާން އެފްސީގެ އޯނަރެވެ.

ސިޓީގެ ފުޓްބޯޅަ ގްރޫޕުގެ ޗީފް އެގްޒެކެޓިވް ފެރާން ސޮރީނިއޯ ބުނެފައިވަނީ ސިޓީން ގަބޫލުކުރާގޮތުގައި ޗައިނާ އަންނަނީ ފުޓުބޯޅައިން ކުރިއަރަމުން ކަމަށާއި، ޗައިނާއަކީ މުސްތަގުބަލުގައި ފުޓުބޯޅައިން ނަން ވިދާނެ ގައުމެއް ކަމަށެވެ. އަދި މީގެއިތުރުންވެސް ޗައިނާއަކީ ދުރު ރާސްތާ ޕްލޭން އަކާއިއެކު ފުޓުބޯޅަ ތަރައްގީ ކުރާ ގައުމެއް ކަމަށާއި، ޗައިނާގައި ހުނަރުވެރި ކުޅުންތެރިން އުފައްދުމަކީ އެކަމުގެ އެއް އަމާޒުކަމަށްވެސް ސިޓީ ގްރޫޕުން ބުނެފައިވެއެވެ.

ސިޓީއަކީ މިހާރު ޔޫރަޕްގައި އެންމެ ނަން ހިނގާ އެއް ޓީމެވެ. އެ ކްލަބަކީ އަރަބި ފައިސާއެކު އެންމެ ބޮޑު ކުރިއެރުމެއްވެސް ހޯދި އެއް ޓީމެވެ.