މީގެ މަދު ދުވަސްކޮޅެއް ކުރިން ދުނިޔޭގެ ކުޅިވަރު ހަބަރު ނޫސްތަކުގެ ބޭރުގައި ބޮޑު އަކުރުން އެންމެ ގިނައިން ފެވިގެންދިޔައީ ބީ.ބީ.ސީ އަދި އެމް.އެސް.އެން ނުވަތަ ބީ.ބީ.ސީ ވާރސަސް އެމް.އެސް.އެން ގެ ވާހަކަތަކެވެ. ދުނިޔެ ދުވަހަކުވެސް ނުދެކޭހާ ވަރުގަދަ ދެ ފޯވަޑް ލައިންއެއް ދުނިޔޭގެ އެންމެ ވަރުގަދަ ދެ ކުލަބުގެ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކުރަމުންދާކަމުގެ ވާހަކަތަކެވެ.

ބާސެލޯނާގެ ހުނަރުން ފުރިފައިވާ ބިރުވެރި ފޯވަޑް ތިން ކުޅުންތެރިންކަމުގައިވާ މެސީ، ސުއަރޭޒް އަދި ނޭމާރ ނުވަތަ އެމް.އެސް.އެން، ނޭމާރ ޕީއެސްޖީއަށް ބަދަލުވި ރެކޯޑް ޓްރާންސްފާރއާއިއެކު ރޫޅިގެންދިޔައިރު ރެއާލް މެޑްރިޑުގެ ވަރުގަދަ ބީ.ބީ.ސީ އަދިވެސް އޮތީ އޮތް ގޮތަށެވެ.

އެހެންނަމަވެސް މިހާރު ބޭލް، ބެންޒެމާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދައުރުވެސް ނިމިގެންދާކަމުގެ ބައެއް ނިޝާންތައް ވަނީ ފެންނަން ފަށައިފައެވެ. ރެއާލްގެ ކޯޗު ޒިދާން ދުވަހަކުވެސް އޭނާގެ ފުރަތަމަ އެގާރައިގެ ކުޅުންތެރިން ޔަގީންކޮށްދީފައިނުވާއިރު މިހާރަކަށް އައިސް ބޭލް، ބެންޒެމާ އަދި ކްރިސްޓިއާނޯ އެއްކޮށް މެޗަކުން ފެނިގެން ދަނީ މަދު ފަހަރަކުއެވެ.

މިގޮތުން 18-2017 ސީޒަނުގައި މިހާތަނަށް މި ތިން ކުޅުންތެރިން އެއްކޮށް މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވަނީ އެންމެ 5 ފަހަރެވެ. ތިން ކުޅުންތެރިންގެ ޕާޓްނާރޝިޕް އަދި ޓީމްވޯކްއަށްވެސް އެކަމުގެ އަސަރުކޮށްފައިވާއިރު ބެންޒެމާ އަދި ބޭލްއަށް ވަނީ ރެއާލްގެ ބައެއް ސަޕޯޓަރުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ.

ބީ.ބީސީ ގެ ތިން ކުޅުންތެރިންވެސް 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެއް މެޗެއްގައި ލަނޑު ކާމިޔާބުކުރުމަށްފަހު ދެން އެފަދަ މަންޒަރެއް ފެނިގެންދިޔައީ އެންމެ ފަހުން ރެއާލް މެޑްރިޑާއި ލަލީގާގެ ބަލިކަށި ޓީމެއްގެ ގޮތުގައި ބެލެވިފައިވާ އަލަވޭޒްއާއި ބައްދަލުކުރި މެޗުގައެވެ. ތިން ކުޅުންތެރިންގެ މެދުގައި ކާމިޔާބުކުރެވޭ ލަނޑުގެ މިންވަރުވެސް ދަށްވެފައިވާއިރު ބޭލް އަދި ބެންޒެމާއަށް ވަނީ ފޯމު އަދި އިންޖަރީގެ އެތައް މައްސަލަތަކެއްވެސް ކުރިމަތިވެފައެވެ.

އެއީ ބީ.ބީ.ސީ އުވިގެން ހިނގައިދާނެކަމަށް އެންމެ ފުރަތަމަ ބެލެވެންފެށި ހިސާބެވެ. ފޯމު އަދި އިންޖަރީގެ އަސަރު ނުކޮށް އެތަނުން ހުރީ ހަމަ އެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ކުޅިވަރުގެ ދުނިޔޭގައި ފެތުރެމުންދާ ރިޕޯޓްތަކަށް ބަލާއިރު ރެއާލްގެ ކޯޗު ހުރީ ރެއާލްގެ ފޯވަޑް ލައިނަށް އިތުރު ކުޅުންތެރިން ގެނައުމަށް ބޭނުންވެފައެވެ. އެކަމަށް ރޮނާލްޑޯގެ އެއްބާރުލުންވެސް ލިބެމުންދާކަމަށް ރިޕޯޓްތައް ބުނާއިރު ބެންޒެމާ ނޫނީ ބޭލް ރެއާލް ދޫކޮށްލުމަކީވެސް މިހާރު ވަރަށް ގާތްކަމަށް ބެލެވިފައިވާ ކަމެކެވެ.