ސްޕެއިންގެ ސީޒަން ހުޅުވުމަށް ކޮޕާ ޑެލްރޭގެ ޗެމްޕިއަން، އަދި ލީގު ޗެމްޕިއަން ވާދަކުރާ ސުޕާ ކޮޕާ ޑި އެސްޕާނާ (ސްޕެނިޝް ސުޕަ ކަޕް)، ގައުމުން ބޭރުގައި ކުޅޭ ހަތަރު ޓީމުގެ މުބާރާތަކަށް ހަދަން ހުށަހަޅައިފިއެވެ.

މީގެ ކުރިން ދެ ލެގަށް ކުޅޭ މެޗަށް މިއަހަރުވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިއަހަރުގެ ސުޕަ ކަޕް ކުޅެފައި ވަނީ މޮރޮކޯގައި އެއް މެޗެއްގެ ގޮތުގައެވެ.

އަލަށް ހުށަހަޅާ ފޯމެޓް ބުނާ ގޮތުން މުބާރާތެއް ގޮތަށް ސުޕަ ކަޕް ބަދަލުކުރުމުން ވާދަކުރާނީ ކޮޕާ ޑެލްރޭގެ ފައިނަލަށް ދާ ދެޓީމާއި ލީގުގެ ޗެމްޕިއަން އަދި ދެވަނައެވެ.

ސްޕެއިންގެ ލީގުތަކުގެ ކަންތައްތައް ބަލަހައްޓާ ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަންގެ ރައީސް، ލުއިޒް ރުބިއާލްސް ވިދާޅުވެފައި ވަނީ އެފަދަ ގޮތަކަށް ގައުމުން ބޭރުގައި މުބާރާތެއް ބާއްވަން ނިންމީ ސްޕެއިންގެ ފުޓުބޯޅަ، ހާއްސަކޮށް ކްލަބުތަކަށް ބޮޑު އެކްސްޕޯޝާއެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްޕެއިންގެ ފުޓުބޯޅަ ބްރޭންޑްވުމަށް ބޮޑު ފުރުސަތެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޕެނިޝް ލީގުގެ ބައެއް މެޗުތައްވެސް ގައުމުން ބޭރުގައި ކުޅުމަށް މީގެ ކުރިން މަސައްކަތް ކޮށްފައިވާ އިރު، މިއަހަރު ބާސާއާއި ގިރޯނާ ކުޅެން އޮތް މެޗު އެމެރިކާގެ މަޔާމީގައި ކުޅުމަށްވެސް ނިންމިއެވެ. އެ ނިންމުން ފަހުން ބަދަލުކޮށްފައިވާ އިރު، ޕްލޭޔާސް ޔޫނިއަންގެ ގޮވާލުމަކާއެކު އެ ނިންމުން ބަދަލުކުރިއެވެ.