ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ލިވަޕޫލާއި ބަޔާން މިއުނިކުން ރޭ މެޗު ކުޅުނު ގަޑީގައި، ލިވަޕޫލްގެ ފޯވަޑް ސަޑިއޯ މާނޭގެ ގެއިން ވައްކަން ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލިވަޕޫލްގެ ދެކުނު ސަރަހައްދުގައި ހުންނަ މާނޭގެ ގެއިން ވައްކަން ކޮށް، ގަޑިއާއި، މޯބައިލް ފޯނުގެ އިތުރުން ކާރުތަކުގެ ތަޅުދަނޑިވެސް ވަނީ ގެއްލިފައެވެ. މާނޭގެ ގެއިން ވައްކަން ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ފުލުހުން އެދިފައި ވަނީ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށެވެ.

ފުލުހުން ބުނެފައި ވަނީ އެފަދަ ކަންކަމަކީ އެތައް ބަޔަކަށް ބިރުވެރިކަން ގެނުވާނެ ފަދަ ކަންކަން ކަމަށްވުމާއެކު ސީރިއަސް މައްސަލައެއް ގޮތުގައި މައްސަލަ ތަހުގީގު ކުރާނެ ކަމަށާއި، ގަޑި ފަދަ ތަކެއްޗަކީ ބޮޑު އަގުގެ އެއްޗެހި ކަމަށްވުމުން، ވައްކަމުގެ މައްސަލަ ދޫކޮށްލެވެން ނެތް ކަމަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް މާނޭގެ ގެއަށް ބަޔަކު ވަދެ ވައްކަން ކުރަން މަސައްކަތް ކޮށްފައިވެއެވެ. އެފަހަރުވެސް މާނޭ މެޗު ކުޅުނު ގަޑީގައި އެ ގެއަށް ވަދެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ އިރު، ކައިރީހުރި ލިވަޕޫލްގެ ޑިފެންޑަރު ލޮވްރަންގެ ގޭގެ ދޮރަށްވެސް ވަނީ ގެއްލުންތަކެއް ދީފައެވެ.