ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ޔުވެންޓަސް ބަލިކޮށް، ކުއާޓާގެ ފުރުސަތު ބޮޑުކޮށްފިއެވެ.

އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފްގައި އެތުލެޓިކޯގެ ދެ ގޯލްވެސް ޖެހީ ޑިފެންޑަރުންނެވެ.

ރޭގެ މެޗުގެ ކުރިން އެންމެ ގިނަ ލޯތަކެއް އަމާޒުވީ ޔުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮލާޑޯއަށެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، އަނބުރާ މެޑްރިޑަށް ގޮސް ކުޅުނު މެޗުގައި އޭނާގެ ތަފާތަކަށް ގިނަ ބަޔަކު ބަލަމުންދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ރޮނާލްޑޯ ވަނީ މިދިޔަ ފަސް އަހަރު ތެރެއިން ހަތަރު ޗެމްޕިއަންސް ލީގު ރެއާލްއާއެކު ހޯދާފައެވެ.

އެންމެ ފަހުން ތިން ޗެމްޕިއަންސް ލީގު ރެއާލްއާއެކު އޭނާ ހޯދި އިރު، 2008 ވަނަ އަހަރު ޔުނައިޓެޑާއެކު ހޯދި ޗެމްޕިއަންސް ލީގާއެކު ރޮނާލްޑޯގެ ޓްރޮފީ ކެބިނެޓްގައި ޖުމްލަ ފަސް ޗެމްޕިއަންސް ލީގު މެޑަލް އެބައޮތެވެ. މުބާރާތުގައި ރެކޯޑު 121 ގޯލް އޭނާ ޖަހާފައިވާ އިރު، އޭނާއަކީ އެންމެފަހުން ހަ ސީޒަނުގައިވެސް ރަން ބޫޓު ހޯދި ކުޅުންތެރިޔާއެވެ.

ޔުވެންޓަސްއަކީ އާންމުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލްތަކުން ނާކާމިޔާބު ޓީމެއް ގޮތުގައި ފާހަގަކުރެވުނު އިރު، މިދިޔަ ޓްރާންސްފާ ސީޒަނުގައި ރޮނާލްޑޯ ދިޔުމާއެކު އެ ބަދު ނަސީބު ފިލުވާލެވޭނެ ކަމަށް ގިނަ ބަޔަކަށް ބެލެވުނެވެ.

ރޭގެ މެޗުގެ ފުރަތަމަ ކަށިގަނޑާއެކުވެސް ޔުވެންޓަސްގެ ޓާސްކް އުނދަގޫކަން އެނގުނެވެ. އެތުލެޓިކޯއިން ކުރިއަށް ޖެހި، ޕްރެސްކޮށްގެ ކުޅުމުގެ ސަބަބުން ޔުވެންޓަސްގެ ފަހަތާއި މެދުތެރެއިން ގޯސްތައް ފެނިގެންދިޔައެވެ.

މެޗުގެ ކުރީކޮޅުގައިވެސް ވީއޭއާރްގެ ބޭނުން ޖެހުނެވެ. ޔުވެންޓަސްގެ ޑިފެންޑަރު މަޓިއާ ޑިޝީލިއޯ، ޑިއޭގޯ ކޯސްޓާއަށް ކުރި ފައުލަކަށް ފުރަތަމަ ޕެނެލްޓީ ދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ފައުލް ކޮށްފައި ވަނީ އޭރިއާ ބޭރުން ކަމަށެވެ. ދެވަނަ ހާފްގައިވެސް ވީއޭއާރްގެ ނިންމުމެއް ފެނިގެންދިޔައެވެ.

އަލްވާރޯ މޮރާޓޯ ބޮލުން ގޯލް ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، އެ ބޯޅަ ގޯލަކަށް ނުނިންމީ ވީއޭއާރް އެހީގައި ބަލާ، އޭނާ ޔުވެންޓަސްގެ ޑިފެންޑަރު ކިއެލީނީ ކޮއްޕާލާފައި އޮތުމުންނެވެ. ފުރަތަމަ ހާފްގައި ޔުވެންޓަސްއިން ނުރައްކާ ކުރީ ރޮނާލްޑޯއެވެ. އޭނާގެ ހިލޭ ޖެހުން ޕަންޗުކޮށް ބޭރުކޮށްލީ އޮބްލަކެވެ.

ދެވަނަ ހާފަށް އެތުލެޓިކޯ ނުކުތީ އިތުރަށް ވަރުގަދަކޮށެވެ، ހާފްގެ ކުރީކޮޅުގައި ގްރީޒްމަންގެ ޗިޕެއް، ޝެޒްނީ އަތުން ޖައްސާ ދަނޑިއަށް އަމާޒު ކޮށްލި އިރު، އޭގެ އިރުކޮޅެއްފަހުން އެތުލެޓިކޯއިން ލީޑު ނެގިއެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ސާފު ނުކޮށްލެވިގެން އުޅެނިކޮށް، ގޯލަށް ވައްދާލީ ޑިފެންޑަރު ހިމެނޭޒްއެވެ.

ފަސް މިނެޓް ފަހުން އެތުލެޓިކޯއިން މެޗުގެ ނަތީޖާ ޔަގީން ކުރިއެވެ. އަނެއްކާވެސް ސެޓް ޕީސް ހަމަލާއެކެވެ. އަރިމަތިން ހުރަސް ވެގެން އައި ބޯޅަ ފުރަތަމަ ފަހަރަށް ގޯޑިން ބޮލުން ފޮނުވާލި ނަމަވެސް ބްލޮކްވެގެން ބޭރަށް ނުކުތެވެ. އެ ބޯޅައިގެ ރީބައުންސް ގޮޑިން ހިތްގައިމުކޮށް ފޮނުވާލި އިރު، ގޯލަށް ވަނީ ރޮނާލްޑޯ ގައިގައި ޖެހިފައެވެ.

ދެވަނަ ލެގަށް ނުކުންނަ އިރު، އެތުލެޓިކޯއަށް އޮތް ހަމައެކަނި މާޔޫސް ކަމަކީ ކޯސްޓާގެ އިތުރުން ޕާޓީ އަދި އެލެކްސް ސާންޑްރޯއަށްވެސް ދެ ރީނދޫ ކާޑު ހަމަވެ، ސަސްޕެންޝަންގައި ތިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ލީގު ޗެމްޕިއަންކަން މިހާރު ޔުވޭ އަށް ކަށަވަރުވިޔަސް އެތްލެޓިކޯއާ ޖެހުނީ މިހާރު އިޓަލީ ލީގުގެ ފެންވަރު އެނގިއްޖެންނު.!! މިއިން އެނގެނީ ސްޕެނިޝް ލީގާ އެހެނިހެން ލީގުގަ ހުރި ތަފާތު.!! ބްޕެނިޝް ލީގުގެ 5 ވަނަ ޓީމު ވެސް ތި ޔުވޭ ބަލިކުރާނެ.!!

    3
    4