މެންޗެސްޓަރ ސިޓީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް އެޓީމުގެ ޒުވާން ހުނަރުވެރި ވިންގާ، ލީރޯއި ސާނޭ ބުނެފިއެވެ.

މި ސީޒަނުގައި ސިޓީން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެޓީމުން ވަނީ ސީޒަނުގެ ފުރަތަމަ ތަށި ކަމަށްވާ އިނގިރޭސި ލީގު ކަޕް މިދިޔަ މަހު ކާމިޔާބުކޮށްފައެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި މިވަގުތު 16 ޕޮއިންޓުގެ ލީޑަކާ އެކު ސިޓީ އޮތްއިރު ލީގު ކާމިޔާބުކުރަން އެޓީމަށް ދެން ބޭނުންވަނީ އެންމެ ދެ މޮޅެވެ.

މީގެއިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ވެސް ސިޓީ ދަތުރުކޮށްފައިވާއިރު ކުއާޓާގައި ސިޓީ ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.

ސިޓީ އަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ "ފެވަރިޓުން" ގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށްވާއިރު ސާނޭ ބުނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ސިޓީ އަށް އެބައޮތް ކަމަށާއި ނަމަވެސް އެއީ ކުރަން އުނދަގޫ ކަމެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގަކީ ވަރަށް އުނދަގޫ މުބާރާތެއް. އެ މުބާރާތުގައި ކުޅޭ ކޮންމެ މެޗަކީ ވެސް ހާއްސަ އަދި އުނދަގޫ މެޗުތަކެއް. އެކަމަކު އެ މުބާރާތް ކާމިޔާބު ކުރުމުގެ ވަރަށް ރަނގަޅު ފުރުސަތެއް އަހަރުމެންނަށް މިފަހަރު އެބައޮތް. އެކަމަކު އެކަން ކުރުމަކީ އުނދަގޫ ކަމެއް" ސާނޭ ބުންޏެވެ.

ސާނޭ ބުނީ މި ސީޒަނުގައި ސިޓީގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ޕެޕް ގާޑިޔޯލާ ސިޓީ އަށް އިތުރު ކުރިއެރުންތަކެއް ވެސް ގެނެސްދީފައިވާ ކަމަށެވެ.

"ގާޑިޔޯލާގެ ފިލޯސޮފީ އަހަރުމެންނަށް މިހާރު ވަރަށް ރަނގަޅަށް އިނގޭ. ގާޑިޔޯލާ މި ޓީމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްދީފައި. އަދި އަހަރުމެންގެ ފަރާތުން ކޯޗު ބޭނުންވާ ކަންކަން ވެސް އަހަރުމެންނަށް އިނގޭ" ސާނޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ލިވަޕޫލް އާއި ސިޓީ ބައްދަލުކުރަން ޖެހުނުއިރު މި ސީޒަނުގައި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން ސިޓީގެ ދަނޑުގައި ކުޅުނު މެޗު 0-5 އިން ކާމިޔާބުކުރީ ސިޓީން ކަމަށްވާއިރު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 3-4 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ.