ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ސްޕެއިންގެ ސެވިއްޔާ އާއި ބައްދަލުކުރަން ޖެހުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޔުޕް ހެއިންކެސް ބުނެފިއެވެ.

ހެއިންކެސް މިހެން ބުނެފައިވާއިރު ސެވިއްޔާ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ގިނަ ބަޔަކު ސިއްސުވާލުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުން ކަޓުވާލުމަށްފަހުއެވެ. މިއީ ސެވިއްޔާ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ސެވިއްޔާ އާއި މެދު ސަމާލުވާން ޖެހޭނެކަން ފާހަގަކުރަމުން ބަޔާންގެ ކޯޗު ހެއިންކެސް ބުނީ ސެވިއްޔާ އަކީ މޮޅު ޓީމެއް ކަމަށާއި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އެހެންކަމުން ސެވިއްޔާ އާއި ޖެހުމަކީ އެއްގޮތަކަށް ވެސް އުފާކުރަންޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ހެއިންކެސް ބުންޏެވެ.

އަދި ސެވިއްޔާ ބަލިކުރެވޭނީ ވަރަށް ފަރުވާތެރިކަމާ އެކު ކުޅެގެންކަން ވެސް ހެއިންކެސް ފާހަގަކުރިއެވެ.

"ސްޕެއިންގެ ފުޓްބޯޅަ އާއި ސެވިއްޔާ ވެސް އަހަރެން ވަރަށް ރަނގަޅަށް ދަންނަން. އެމީހުން ކޯޗު ބަދަލުކުރިފަހުން އެމީހުންގެ ޑިފެންސް ވަރަށް ރަނގަޅު ވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވޭ. އެހެންވީމަ އަހަރުމެންނާ މި ލައްވާލީ އުނދަގޫ ޓީމެއް. މި މުބާރާތުގެ ކުއާޓާފައިނަލްގަ ނުތިބޭނެ އާދައިގެ ޓީމެއް" ހެއިންކެސް ބުންޏެވެ.

މުބާރާތުގެ ކުއާޓާ އަށް ބަޔާން ދަތުރުކުރީ ތުރުކީގެ ބެސިކްޓަސް ބަލިކުރުމަށްފަހުއެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ސެވިއްޔާގެ ދަނޑުގައެވެ.