މުހައްމަދު ސަލާހު ކާމިޔާބުކުރި ހަތަރު ގޯލާއެކު 0-5 އިން ވޮޓްފޯޑްގެ މައްޗަށް ލިވަޕޫލް އިން ރޭ ކުރި ހޯދައިފިއެވެ.

މި މޮޅާ އެކު ލިވަޕޫލް މިހާރު އޮތީ ޕްރިމިއަރ ލީގުގެ ތިންވަނައިގައި 63 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް ތިންވަނައިގައި އޮތީ ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 61 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި ވޮޓްފޯޑް އޮތީ 36 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ.

ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ ހަތަރުވަނަ މިނެޓްގައި ސަލާހު ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ސަލާހުއެވެ.

ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު އެޓީމުގެ ތިންވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފަމީނޯއެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ސަލާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ހެޓްރިކާ އެކު ސަލާހު ވެގެން ގޮސްފައިވަނީ ޕްރިމިއަރ ލީގުގައި ހެޓްރިކެއް ހެދި މިސްރުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަދި ލިވަޕޫލްގެ ފަސްވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަލާހުއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ހަތަރު ގޯލާ އެކު މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ސަލާހު ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ. އަދި މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 36 އަށް އަރާފައެވެ.

ރޭގެ މޮޅާ އެކު ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމުމަށް ލިވަޕޫލް އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.