އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ އަށް ޔުނައިޓެޑް ދަތުރުކުރީ ރޭ ބްރައިޓަންގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 37 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ލުކާކޫ މި ގޯލު ކާމިޔާބުކުރީ މަޓިޗް ނަގައިދިން ހުރަހަކުން ބްރައިޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރާނެ ރަނގަޅު ފުރުސަތުތަކެއް ބްރައިޓަން އިން ތަނަވަސްކުރިއެވެ. ނަމަވެސް ބްރައިޓަން އިން ފޮނުވާލި ހަމަލާތަށް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ޑިފެންޑަރުންނާއި އެޓީމުގެ ގޯލްކީޕަރު ރޮމޭރޯގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ސެމީ އިން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދިން ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މަޓިޗްއެވެ.

މިއީ މި މުބާރާތުގެ ސެމީއަށް ޔުނައިޓެޑް ދަތުރުކުރި 29 ވަނަ ފަހަރެވެ. އެފްއޭކަޕަކީ މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބު ކުރެވެން އޮތް ހަމަ އެކަނި ތަށްޓެވެ.

މުބާރާތުގެ ސެމީ އަށް ޓޮޓެންހަމް ދަތުރުކުރީ ރަށުން ބޭރުގައި ސްވެންސީ ސިޓީގެ މައްޗަށް 0-3 އިން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އެރިކްސަންއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލަމޭލާއެވެ.

މިއީ މުބާރާތުގެ ސެމީ އަށް ޓޮޓެންހަމް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ.

މުބާރާތުގެ ކުއާޓާފައިނަލްގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. އެގޮތުން ރާއްޖެގަޑިން މިއަދު ހަވީރު 6:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިގެން އާއި ސައުތްހެމްޓަންއެވެ. އަދި ރާއްޖެގަޑިން މިރޭ 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ލެސްޓަ ސިޓީއެވެ.