ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފުވެރި މެހެމާނަކަށް މުހައްމަދު އާރިފް (ބަކާ) ހަމަޖައްސައިފިއެވެ.

މިއަހަރުގެ މުބާރާތުގައި 14 ޓީމަކުން ވާދަކުރާ އިރު، ފައިނަލް މެޗު އޮންނާނީ މިރޭ 9:00ގައި ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. ފައިނަލް މެޗުގައި ވާދަކުރާނީ ލެކްރޮސްއާއި ޝަބްނަމީ ކަނެކްޓެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު މެޗުތައް ފޯރިގަދަކޮށް ފެނުނު އިރު، ފައިނަލްގައިވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ފެނިގެންދާނެއެވެ. ލެކްރޮސް ޓީމުން އަލީ ހާފިޒް (ކުޑަ އައްޔަ)އާއި މާޒިޔާގެ މިޑްފީލްޑަރު އަބަދުﷲ ޖުނައިދު (ޖޭނޭ) ފާހަގަކޮށްލެވޭ އިރު، ޝަބްނަމީ ކަނެކްޓް ޓީމުން ހުސައިން ޝަރީފް (އޮންލީ) ފާހަގަކޮށްލެވެއެވެ.

ފޮނަދޫ ފުޓްސަލް ލީގުގެ ފެށުމުގެ ރަސްމިއްޔާތު ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ޝަރަފުވެރިކޮށްދިން އިރު، މުބާރާތް ފެށުމުގެ ގޮތުން ސެގަޓާއެކު ފޮނަދޫ ރައްޔިތުންނަށް ހާއްސަ ފޮޓޯ ސެޝަނެއްވެސް ވަނީ ހުޅުވާލާފައެވެ.

ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ބަކާއަކީ ރާއްޖޭގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ގިނަ ބަޔަކު އިހުތިރާމް ކުރާ އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރާއްޖޭގެ ކްލަބު ލެވެލްގައި ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ ބަކާ އަކީ ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖެއިން މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

ފޮނަދޫ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ “ވަގުތު”އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުޑެންޑާ

    އެހެންދޯ....