ވިކްޓަރީ ސްޕޯޓްސް ކްލަބަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯއަށް މުސާރަނުދީ އޮތް މައްސަލައެއްގައި އެ ކްލަބުގެ ތިން ޕޮއިންޓު އުނިކުރަން ފީފާ އިން އަންގައިފިއެވެ.

ދަށް ހާލަތެއްގައި މިދިޔަ ސީޒަންވެސް އޮތް ވިކްޓަރީއަށް އޭނާގެ ވަކީލަށް ޖަވާބުދާރީ ވެވިފައިނުވާ އިރު، އެފްއޭއެމްއިން ވަނީ އެ ފިޔަވަޅު އަޅާ ވިކްޓަރީއަށް އަންގާފައެވެ.

ވިކްޓަރީން މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގު ނިންމާލީ 16 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގައެވެ. ފީފާގެ އެންގުމުގެ މަތިން ތިން ޕޮއިންޓް އުނިކުރިޔަސް ވިކްޓަރީގެ މަގާމަށް ބަދަލެއް ނާދެ އެވެ. އެއީ ނުވަ ވަނައިގައި އޮތް ބ. ފެހެންދޫ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓް ކަމަށްވާތީއެވެ.

މިދިޔަ ސީޒަންގައި ކުޅުންތެރިންނަށް މުސާރަ ނުދެވި، ވިކްޓަރީން މެޗެއް ދޫކޮށްލާފައިވެސް ވެއެވެ. އަދި އެޓީމަށް ގެނައި ބޭރު ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފަދަ މައްސަލައެއް މީގެ ކުރިންވެސް ވަނީ ފީފާއިން ބަލާފައެވެ.

ވިކްޓަރީން އާ ބޯޑަކާއެކު ކުރިއަށް އޮތް ސީޒަނަށް ނުކުންނަ އިރު، އެޓީމާ އަލަށް ހަވާލުވި ބޯޑުގެ އެންމެ މުހިއްމު ކަމަކަށް ވެފައި އޮތީ ކުޅުންތެރިންނަށް ދަރާ އޮތް މުސާރަ ދިނުމެވެ. ވަކިން ހާއްސަކޮށް ކްލަބުގެ ދަރަނި ފޫބެއްދުމެވެ.

ވިކްޓަރީން އެފްއޭއެމްގެ އިތުރުބާރު ނެތް ކަމުގެ މައްސަލައެއް ދާދިފަހުން ވައްދާފައިވާ އިރު، އެ މައްސަލައިގައި ހިމެނޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބާއްވަން، ފީފާގެ ލަފާގެ މަތިން ވަނީ އެފްއޭއެމްއިން ނިންމާފައެވެ.