ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވި، ފޮނަދޫ ޔޫތު ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ލެކްރޮސްއިން ހޯދައިފިއެވެ.

ލެކްރޮސްއިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޝަބްނަމީ ކަނެކްޓް 2-0ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ރޭ ކުޅުނު ފޯރިގަދަ ފައިނަލަށް ތައްޔާރުވި އިރު، ގްރޫޕް ސްޓޭޖައި އެ ދެޓީމު ކުޅުނު މެޗުންވެސް މޮޅުވީ ލެކްރޮސްއެވެ.

ރޭގެ ފައިނަލް މެޗު އަދި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

މެޗު ހާއްސަ ވެގެންދިޔައީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވާ އަލީ ހާފިޒު (ކުޑަ އައްޔަ)އާއި ހުސައިން ޝަރީފް (އޮންލީ)ގެ ކުރިމަތިލުމެއްގެ ގޮތުގައެވެ. މެޗު ފެށިގެން ދެޓީމުންވެސް ޑިފެންސަށް ސަމާލުވެ، އެއް ބައެއްގެ ހަމަލާތައް އަނެއް ބަޔަކު ހުއްޓުވަމުންދިޔަ އިރު، ކުޑަ އައްޔަގެ އަދި ލެކްރޮސްގެ އަބްދުﷲ ޖުނައިދު (ޖޭނޭ)ގެ ނުރައްކާ ފާހަގަކޮށްލެވުނެވެ.

ފުރަތަމަ ހާފް ނިމުނު އިރު، 0-0ގެ ނަތީޖާއެެއްގައި އޮތް ނަމަވެސް ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ލެކްރޮސްއިން ލީޑު ނެގިއެވެ. އަތިމަތިން ކުޑަ އައްޔަ ޖައްސާލި ޕާސް ގޯލަށް ނިންމާލީ އަހުމަދު އަސީލެވެ.

ރޭގެ ފައިނަލް މެޗު އަދި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ލެކްރޮސްއިން ގޯލް ޖެހުމާއެކު ޝަބްނަމީ ކަނެކްޓުންވެސް ކުރިއަށް ޖެހެން މަޖުބޫރުވިއެވެ. އޮންލީވެސް ކުރިއަށް ޖެހި ކުޅެން ފެށުމުގެ ފައިދާ ނެގީ ކުޑަ އައްޔައެވެ. އޭނާގެ ހަމަލާތައް އިތުރުވި އިރު، ލެކްރޮސްގެ އަހުމަދު އަޖުވަދު ހުސްކޮށް އޭރިއާ ތެރެއަށް ވަންނަނިކޮށް ފަހަތުން އައިސް މުހައްމަދު ފަޔާޒް ކުރި ފައުލަކަށް ރެފްރީ އޭނާއަށް ރަތް ކާޑުވެސް ދެއްކިއެވެ.

ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޝަބްނަމީ ހޯލްޑިންގްސްއަށް މެޗު ގެއްލުނީ، އޭރިއާ ތެރެއިން އޮންލީ، ކުޑަ އައްޔައަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ލެކްރޮސްއިން ލީޑު ފުޅާކުރުމުންނެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ކުޑަ އައްޔައެވެ.

ޓޮޕް ފައިވް ---

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ކުޑަ އައްޔަ ހޮވުނު އިރު، ޑްރީމް ޓީމުގައި އޭނާއާއެކު ހިމެނެނީ ލެކްރޮސްގެ ޖޭނޭ، ޝަބްނަމީގެ އޮންލީ އަދި އެޓީމުގެ ގޯލްކީޕަރު އަބްދުﷲ ނާފިޒް އަދި ބަރާސިލް އެފްސީގެ ހުސައިން ނާޝިދު (ނާއްޓޯ)އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ލެކްރޮސްގެ ކޯޗު އަހުމަދު ހަލީމް (އަންމަޑޭ)އެވެ.

ފެއާޕްލޭ ޓީމަކަށް ބަރާސިލް އެފްސީ ހޮވުނު އިރު، މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ތަށި ހަވާލުކޮށްދީފައި ވަނީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)އެވެ.

ރޭގެ ފައިނަލް މެޗު އަދި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ދީފައިވާ އިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ދީފައިވެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު"އެވެ.