ކުރިއަށް އޮތް ދެ ޓްރާންސްފާ ސީޒަނުގައިވެސް ޓްރާންސްފާ ނުކުރޭ ގޮތަށް ފީފާއިން ޗެލްސީ ސަސްޕެންޑް ކޮށްފިއެވެ.

ފީފާގެ ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގެ އިތުރުން ފިނި މޫސުމުގެ ޓްރާންސްފާ ސީޒަނުގައިވެސް ޗެލްސީއަށް ކުޅުންތެރިންގެ ސޮއިއެއް ނުހޯދޭނެއެވެ.

ފީފާއިން ޗެލްސީ ބޭން ކޮށްފައި ވަނީ ޒުވާން ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ މިންގަނޑުތަކާ ކްލަބުން ހިލާފުވެފައިވާތީއެވެ. އެގޮތުން ފީފާއިން ބުނެފައި ވަނީ ޗެލްސީން ގައުމުގެ ބޭރުގެ 18 އަހަރު ނުފުރޭ ކުއްޖަކު ރަޖިސްޓްރީ ކުރުމުގައި އުސޫލާ ހިލާފުވެފައިވާ ކަމަށާއި، ކުރީގެ ސްޓްރައިކާ ބާޓްރެންޑް ޓްރައޯރޭގެ ޓްރާންސްފާގައިވެސް މައްސަލަތަކެއް އުޅޭ ކަމަށެވެ.

އިނގިރޭސި އެފްއޭގެ ތެރެއިން ފީފާއިން ތިން އަހަރު ދުވަހުގެ ތަހުގީގެއް ހިންގާފައިވާ އިރު، ބާޓްރެންޑް ޓްރައޯރޭ ކްލަބަށް ގެނައުމަށް 18 އަހަރު ނުވަސީން އޭނާގެ މަންމައަށް 155،000 ދިން ކަމަށް ޗެލްސީން އެއްބަސްވެފައިވެއެވެ. އޭގެ އިތުރުން ޓްރެއޯރޭ ވަނީ އެފްއޭގައި ރަޖިސްޓްރޭޝަން ފުރިހަމަ ނުވަނީސް ޗެލްސީއަށް 25 މެޗުވެސް ކުޅެފައެވެ. އަދި ޓްރައޯރޭގެ ސްކޫލް ފީވެސް ޗެލްސީން ކުރިން ދެއްކި ކަމަށް އެޓީމުން ވަނީ އެއްބަސްވެފައެވެ.

ފީފާގެ ގަވާއިދު ބުނާގޮތުން 18 އަހަރު ނުވާ ކުއްޖަކު ކްލަބަކަށް ގެންދާ ނަމަ، އެ ކުއްޖެއްގެ އާއިލާވެސް ކުއްޖާއާއެކު ދާން ޖެހެއެވެ. އަދި ފީފާގައި ބުނާ މިންގަނޑަކަށް ދިރިއުޅުމުގެ މިންގަނޑާއި ތައުލީމީ މިންގަނޑު ބައްޓަން ކުރަން ޖެހެއެވެ. އަދި އެ އާއިލާއިން ދިރިއުޅެން ޖެހެނީ ކްލަބާ 100 ކިލޯމީޓަރަށްވުރެ ދުރު ނުވާނެ ހިސާބެއްގައެވެ.

މައްސަލައިގެ އިސްތިއުނާފަށް ހުށަހެޅުމަށް ޗެލްސީއަށް ތިން ދުވަސް ދީފައިވާ އިރު، އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ މައްސަލަ ހައްލުކުރުމަށް ޗެލްސީއާއި ފީފާއާ މެދުވެރިވެ، ވާހަކަ ދައްކާ މައްސަލަ އިސްތިއުނާފްވެސް ކުރާނެ ކަމަށެވެ.