ކުރިން ޗާލްޓަންއަށް ކުޅުނު އުމުރުން 18 އަހަރުގެ ގޯލްކީޕަރު، ޖޯޑަން ޑާވެސް ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެއްޖެއެވެ.

މި ސީޒަންގެ ކުރީކޮޅުގައިވެސް ފަސްވަނަ ޑިވިޝަންގެ ފުޓުބޯޅަ އޭނާ ކުޅެފައިވާ އިރު، މޭގެ ކެންސަރަށް ފަރުވާ ހޯދަން ޑާވެސް ފަށާފައި ވަނީ ނޮވެންބަރު މަހުގައެވެ.

ކެންސަރަށް ފަރުވާކުރަން ފެށުމާއެކު ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ފަދަ ކުޅުންތެރިން ޑާވެސްއަށް ހިތްވަރުދީ، ސިޓީވެސް ފޮނުވާފައިވާ އިރު، އޭނާގެ މަރާއެކު އެތައް ކުޅުންތެރިންނެއް ވަނީ އާއިލާގެ ހިތާމައިގައި ބައިވެރިވެ ތައުޒިޔާވެސް ފޮނުވާފައެވެ.

ޑާވެސްގެ މަރާ ގުޅިގެން އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުޅި އާއިލާއަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ޑާވެސްއަކީ އަރަމުން އައި ގޯލްކީޕަރެއް ކަމަށެވެ. އަދި މުސްތަގުބަލު އުޖާލާކޮށް ފިޔަޖަހަމުން އައި ގޯލްކީޕަރެއް، އުމުރުން އެންމެ 18 އަހަރުގައި ވަކިވާން ޖެހުމަކީ ނުހަނު ހިތްދަތިކަމެއް ކަމަށްވެސް އާއިލާގެ ބަޔާނުގައިވެއެވެ.

ޑާވެސްގެ ބޭސްފަރުވާގެ ހަރަދު ހޯދުމަށް ފަންޑްރައިޒިން ޕްރޮގްރާމެއް ހިންގާފައިވާ އިރު، އެ ފަންޑްރައިޒިންއަށް ގާތް ގަނޑަކަށް 8،500 ޑޮލަރު ވަނީ ލިބިފައެވެ.